21 Dec 2013, 15:09
ހދ. ކުޅުދުއްފުށީގައި އިމާރާތްކުރަމުން އަންނަ ރޯހައުސްތަކަށް އެދި ހުށަހެޅި ފޯމްތައް ރަށު ކައުންސިލުން ބާތިލުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު މިއަދު ވިދާޅުވީ އެ ފޯމްތައް ބާތިލްކޮށްފައި ވަނީ ހައުސިން މިނިސްޓްރީން އެގޮތަށް އަންގާފައި ވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ހައުސިން މިނިސްޓްރީން އެގޮތަށް އަންގާފައި ވަނީ ރޯހައުސްތަކުގެ އަދަދު މިހާރު އިތުރުކުރުމާ ގުޅިގެން ކަމަށެވެ. އަދި ވިދާޅުވީ އެކަން ރަސްމީކޮށް މިހާރު އިއުލާންކޮށްފައިވާނެ ކަމަށެވެ.
ކުރިން ހަމަޖެހިފައި އޮތީ 125 ހައުސިން ޔުނިޓު އެޅުމަށް ކަމަށާއި ނަމަވެސް 165 ހައުސިން ޔުނިޓް މިހާރު އިމާރާތްކުރަމުން އަންނަ ކަމަށް ވެސް އަލީ މުހައްމަދު ވިދާޅުވި އެވެ.
"ކުރިން ހަމަޖެހިފައި އޮތީ 125 ހައުސިން ޔުނިޓު އިމާރާތް ކުރުމަށް. ނަމަވެސް މިހާރު ވަނީ 165 ޔުނިޓު އިމާރާތް ކުރުމަށް ހަމަޖެހި އެ މަސައްކަތް ފެށިފައި،" އަލީ މުހައްމަދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފުރުސަތު ހުޅުވައިލުމުން 250 އަށް ވުރެ ގިނަ މީހުން ކުރިމަތިލި ކަމަށެވެ.
އޭނާ ވިދާޅުވީ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ހައުސިން މިނިސްޓްރީން މިހާރު ކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން ޑައުންޕޭމަންޓްގެ ގޮތުގައި 30،000ރ. ދައްކަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް 19،000ރ. އަށް އެއަދަދު ކުޑަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިން ހަމަޖައްސާފައި އޮތީ މަހަކު 4،500ރ ދައްކާ ގޮތަށް ކަމަށާއި ނަމަވެސް މަހަކު 3،000ރ. ދައްކަންޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހައުސިން ޔުނިޓުތަކުގެ ތެރެއިން 50 ޔުނިޓްގެ މަސައްކަތް މުޅީން ނިންމާލެވިފައިވާއިރު އިތުރު ޔުނިޓުތަކުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށެވެ.