21 Dec 2013, 13:53
ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ ގެއެއް ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާންކޮށްފި އެވެ.
ބީއެމްއެލް އިން މި މަހުގެ 19 ވަނަ ދުވަހު ނެރުނު އިއުލާނުގައި ބުނެފައި ވަނީ، އެ ބޭންކުން ނެގި ލޯނަކަށް ރަހުނުކޮށްފައިވާ 139.38 އަކަ މީޓަރުގެ މ. އަރާރޫޓްވިލާ ގަންނަން ބޭނުންވާ ފަރާތްތަކުން ޖެނުއަރީ ފަސް ވަނަ ދުވަހުގެ 1:30ގައި ބިޑް ހުޅުވުން އޮންނާނެ ކަމަށެވެ. އަދި މުއްދަތު ހަމަވާ ތާރީޙުގައި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެ ވަގުތު އެތަނަށް ހާޒިރުވެ ތިބި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިއުލާން ކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ ބޭންކުން ނެރުނު އިއުލާނުގައި ވަނީ ތޮލްހަތާއި އޭނާގެ ކޮއްކޮ އަހުމަދު ހާޝިމް ނެގި ލޯނަކަށް ވިއްކާލާ ގޭގެ ވެރިފަރާތަކީ އޭނާ ކޮއްކޮ އަބްދުﷲ ޝާހު އިބްރާހީމްކަލޭފާނު އާއި މުހައްމަދު ހަބީބް އިބްރާހީމްކަލޭފާނާއި ތޮލްޙަތު އަދި ހާޝިމް ކަމަށެވެ.
ބީއެމްއެލް އިން ބުނީ އަރާރޫޓްވިލާ ގަތުމަށް ހުށަހަޅާ އަގުތަކުގެ ތެރެއިން ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު އެ ބޭންކުގެ ވެބްސައިޓްގައި އިއުލާންކޮށް، ބްރާންޗްތަކުގެ ނޯޓިސް ބޯޑުތަކުގައި ބަހައްޓާފައި ހުންނާނެ ކަމަށެވެ. އަދި ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމުގައި އިއުލާނު ކުރެވޭ އަގަށް ބަދަލެއް ނައިސް، އިއުލާން ކުރެވޭ ތާރީހުން ފެށިގެން ފަސް ދުވަންދެން ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ އެއް އަގެއްގައި އޮތުމުން ކަމަށް އެ ބޭންކުން ބުންޏެވެ.