ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާއްސަ އޮޑިޓެއް ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް މެމްބަރުންތަކެއް ހުށަހަޅައިފި އެވެ.

އެ ކޮމިޓީގެ މުގައްރިރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާއްސަ އޮޑިޓެއް ކުރަން ނިންމައި އެކަން އެ ކޮމިޓީ އަށް ހުށަހެޅުމުން އެ މައްސަލަ އަންނަ އާދީއްތަ ދުވަހު އޮންނަ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާއްސަ އޮޑިޓެއް ކުރަން ހުށަހެޅީ ކުންފުނިތަކުގެ ހިންގުން ހަރުދާނާކޮށް ހަރަދުކުޑަކުރުމުގެ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް. އެގޮތުން ވޭތުވެދިޔަ ފަސް އަހަރު ދުވަހު ކުންފުނިތައް ހިންގާފައިވާ ގޮތުގެ އޮޑިޓެއް ހަދަން ޖެހޭ ކަމަށް މެމްބަރުން ދެކެވަޑައިގަންނަވަނީ. މެމްބަރުން ވިސްނުންފުޅު ހުރީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހޯލްޑިން ކުންފުންޏެއްގެ ދަށުން ހިންގާ ގޮތަށް،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފައިދާނުވާ ކުންފުނިތައް އުވާލެވޭނެ ގޮތެއް އޮތުމަކީ ވެސް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މާދަމާ ހެނދުނު އޮންނަ އެ ކޮމިޓީގެ ބައްދަލުވުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވެސް ހާޒިރުކުރަން ނިންމާފައިވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.