21 Dec 2013, 13:03
ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކު) ގެ ގާނޫނު ހަދާ މަޖިލީސްތަކުގެ މެމްބަރުންގެ ބައްދަލުވުންތައް ރާއްޖޭގައި މިއަދު ފަށައިގެން ކުރިއަށް އެބަދެ އެވެ.
ބަނޑޮސް އައިލެންޑް ރިޒޯޓްގައި އެންމެ ފުރަތަމަ ފަށާފައި ވަނީ އެސޯސިއޭޝަން އޮފް ސާކް ސްޕީކާސް އެންޑް ޕާލަމަންޓޭރިއަންސްގެ އަންހެން ޕާލިއަމަންޓޭރިއަނުންގެ ބައްދަލުވުމެވެ. ދިވެހިރާއްޖެ، އިންޑިއާ، ސްރީ ލަންކާ، ބަންގުލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި އަފްގާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ބައިވެރިވި މިބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ ރާއްޖޭގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އެވެ.
މާރިޔާގެ އިތުރުން މިބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައި ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ އެވެ.
އަންހެނުންގެ ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ ދެކުނު އޭޝިޔާގެ ގައުމުތަކުގައި ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުމާ ގުޅޭ ގޮތުންނެވެ.
މިއަދު ފަށާފައިވާ އަނެއް ބައްދަލުވުމަކީ ސާކް ސްޕީކާސް އެންޑް ޕާލަމެންޓޭރިއަންސްގެ ސެކެޓްރީ ޖެނެރަލުންގެ ބައްދަލުވުމެވެ. މިބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ސެކެޓްރީ ޖެނެރަލް އަހުމަދު މުހައްމަދެވެ.
ސެކެޓްރީ ޖެނެރަލުންގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ އިދާރީ ގޮތުން ގާނޫނު ހަދާ މަޖިލިސްތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުންނެވެ.
ދެ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ކުރިއަށްދާ އެސޯސިއޭޝަން އޮފް ސާކް ސްޕީކާސް އެންޑް ޕާލިއަމަންޓޭރިއަންސްގެ ހަތް ވަނަ ބައްދަލުވުމުގެ އިފްތިތާހީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު އެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައިވެރިވެޑައިގަންނަވަ އެވެ.