10 Dec 2010, 06:29
ރުހުން ނުލިބުނު ވަޒީރު މާގާމުގައި ނުތިއްބެވޭނެ ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރެއްވުމުން އެ ހުކުމަށް ތަބާވަން ވާޖިބުވާ ކަމަށާއި ސުޕްރީމް ކޯޓްގެ ހުކުމަށް ތަބާވެ ހުކުމައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ދެއްވި ރޭޑިއޯ ހިތާބުގައި ސުޕްރީމް ކޯޓުން ރޭ ކުރެއްވި ހުކުމާ ގުޅިގެން އެ ވިދާޅުވީ ވަޒީރުންގެ މަގާމަށް އެންމެ ގާބިލު ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ އަދި އެމަނިކުފާނު ރުހުން ލިބެން ބޭނުންވާ ވަޒީރުނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމުން އެ ބޭފުޅުން މަގާމުގައި ނުތިއްބެވޭނެ ކަމަށް ސްޕްރީމްކޯޓުން ހުކުމް ކުރެއްވުމާއެކު މި ދަނޑިވަޅުގައި އެމަނިކުފާނުގެ ވާޖިބަކީ އެ ހުކުމަށް ތަބާވެ ހުކުމާއިގެން ކުރިއަށް ވަޑައިގަތުން ކަމަށެވެ.
އަދި ވިދާޅުވީ އެ ހުކުމާމެދު ހިންހަމަޖެހުން ލިބިވަޑައިގަންނަވާ ކަމަށާއި އެ ހުކުމުން ކިތަންމެ އިބުރަތެއް ލިބިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމުން އެއްކިބާވެފައިވާ ސުޕްރީމް ކޯޓެއް އުފެއްދިފައި ވުމުން އެއީ ކާމިޔާބީއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"... އަޅުގަނޑު ދެކޭގޮތުގައި ވަޒީރު ކަން ކުރުމަށް އެންމެ ގާބިލު ބޭފުޅުންނަށް ރުހުން ނުލިބުމުގެ ސަބަބުން އެ ބޭފުޅުންގެ ވަޒީރު ކަމުން ވަކިވެވަޑައިގަންނަވާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީމާ އަޅުގަނޑުގެ މިއަދުގެ ވާޖިބަކީ އެ ހުކުމަށް ތަބާވެ، އަޅުގަނޑުމެން ކުރިއަށް ދިއުން. އަޅުގަނޑު މިއަދު މިކަމުގައި ހިންހަމަޖެހުން ލިބޭ، އަޅުގަނޑުގެ ނަޒަރުގައި މި ކަމުގައި ކިތަންމެ އިބުރަތެއް އަޅުގަނޑުމެންނަށް ލިބޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.