މެންޗެސްޓާ ސިޓީއަތުން 6-3 ލަނޑުގެ ބޮޑުތަފާތަކުން ޕްރިމިއާލީގުގައި އާސެނަލް ބަލިވި މެޗަށް ފަހު އާސެނަލްގެ އިންގްލެންޑް މިޑްފީލްޑަރު ޖެކް ވިލްޝެއާ ސިޓީގެ ސަޕޯޓަރުންނާ ދިމާއަށް އިނގިލިން ބޭއަދަބީ އިޝާރާތެއް ކޮށްފައިވާތީ، އޭނާ ދެ މެޗަށް ސަސްޕެންޑު ކުރުމަށް އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަނުން ނިންމައިފި އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުން ބަލިވުމުން ދަނޑުން ފައިބައިގެން ދަމުން ސިޓީގެ ސަޕޯޓަރުންނާ ދިމާއަށް ބޭއަދަބީ އިޝާރާތެއް ކުރިކަމަށް އާސެނަލްގެ 21 އަހަރުގެ މިޑްފީލްޑަރު އެއްބަސްވެފައިވާއިރު އޭނާ ވަނީ ސަސްޕެންޝަން ކުޑަކުރުމަށް އެފްއޭގައި އެދިފަ އެވެ. އެހެން ނަމަވެސް ވެމްބްލީ ޑިސިޕްލިނަރީ ކޮމެޓީން ވަނީ އޭނާގެ އިސްތިއުނާފް ގަބޫލު ނުކޮށްފަ އެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި 35 ޕޮއިންޓާއެކު އޮތް އާސެނަލް، ތާވަލުގެ ދެވަނައިގައި 33 ޕޮއިންޓާއެކު އޮތް ޗެލްސީއާ ދެކޮޅަށް ހޯމަ ދުވަހު ކުޅޭ ވަރުގަދަ މެޗަށް ނުކުންނައިރު ވިލްޝެއާއަށް އެމެޗުގައި ނުކުޅެވޭނެ އެވެ. އަދި އޭގެ ފަހުން ވެސްޓްހެމްއާ ދެކޮޅަށް އާސެނަލް ކުޅޭ މެޗުވެސް އޭނާއަށް ގެއްލޭނެ އެވެ.