އިންޑިއާ އާއި ސްރީލަންކާ އާއި އަދި ރާއްޖޭގެ ކޯސްޓްގާޑް ގުޅިގެން ސްރީލަންކާގައި ކަނޑުމަތީގެ ތަމްރީނުތަކެއް ބާއްވައިފި އެވެ.

ސްރީލަންކާގެ ޑިފެންސް މިނިސްޓްރީން ބުނީ ތިން ގައުމުގެ ގުޅިގެން "ޓްރައިލެޓްރަލް ޓޭބްލްޓޮޕް އެކްސަސައިޒް" (ޓީޓީއެކްސް)ގެ ނަމުގައި ބޭއްވި ތަމްރީނުތައް ފެށީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. ސްރީލަންކާގެ ޓްރިކޮމޮލީގައި އެ ތަމްރީނުތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރުވެރިކޮށްދެއްވީ ސްރީލަންކާ ކޯސްޓްގާޑްގެ ޑައިރެކްޓަރް ޖެނެރަލް، ރެއާ އެޑްމިރަލް ރަވިންދުރަ ސީ ވިޖޭގުނަރަތުނަ ކަމަށް ވެސް ސްރީލަންކާ ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ތަމްރީނުތަކުގައި ތިން ގައުމުގެ ސިފައިން ފަރިތަކުރީ ކަނޑުފޭރުން ފަދަ ސަލާމަތަށް ނުރައްކާވާ ކަންތައްތަކާއި ކަނޑަށް ތެޔޮ އެޅުން ފަދަ ތިމާވެށީގެ ކަންތައްތަކާއި ހޯދައި ސަލާމަތްކުރުމުގެ ކަންތައްތަކަށް ތައްޔާރުވެ ތިބުމަށެވެ.
ތަމްރީނުތަކުގައި އިންޑިއާގެ ކޯސްޓްގާޑްގެ ދެ އުޅަނދު ކަމަށްވާ ވިޝްވާތުއާއި ރާޖްކަމާލް ބައިވެރިވި އެވެ. ކަނޑަށް ތެޔޮ އެޅުން ފަދަ ތިމާވެށީގެ ކަންތައްތަކުގައި ހަރަކާތްތެރިވާނެ ގޮތުގެ ފަރިތަކުރުންތައް އޮތީ އެދެއުޅަނދުގައި ކަމަށް ސްރީލަންކާއިން ބުންޏެވެ.

މިފަހަރުގެ ފަރިތަކުރުންތަކަކީ މި އަހަރުގެ ޖުލައި މަހުގެ ތިން ގައުމުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި ބައްދަލުވުމުގައި އެއްބަސްވެފައިވާ އެއްބަސްވުމުގެ ދަށުން ބޭއްވި ފަރިތަކުރުންތަކެކެވެ. މިފަދަ ފަރިތަކުރުންތައް ކޮންމެ ދެއަހަރަކުން އެއް އަހަރު ބޭއްވުމަށް އެބައްދަލުވުމުގައި ތިން ގައުމުން ވަނީ އެއްބަސްވެފަ އެވެ.