ލިވަޕޫލްގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް އެ ކްލަބާ އެކު ވެފައިވާ އެއްބަސްވުން ހަތަރު އަހަރާ ބައިގެ މުއްދަތައް އިތުރުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އުމުރުން 26 އަހަރުގެ ހުނަރުވެރި ފޯވާޑް ލިވަޕޫލަށް ބަދަލުވީ 2011 ވަނަ އަހަރު ނެދަލެންޑްސްގެ އަޔެކްސް އިން 22.8 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އަދި ލިވަޕޫލަށް ބަދަލުވި ފަހުން އޭނާ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ލަނޑުތަކެއްވެސް ޖަހައިފަ އެވެ.

ސުއަރޭޒުގެ އޮރިޖިނަލް އެއްބަސްވުމުގެ މުއްދަތު 2016ގެ ނިޔަލަށް ހަމަވާއިރު މި ސީޒަންގެ ނިޔަލަށް އޭނާއަށް 160،000 ޕައުންޑު ލިބޭއިރު ކޮންޓުރެކްޓުގެ ފަހު ހަތަރު އަހަރު ދުވަހުގެ ތެރޭގައި އޭނާގެ ފީ ހަފުތާއަކު 200،000 ޕައުންޑަށް އަރާނެ އެވެ.

"ލިވަޕޫލާއެކު އެއްބަސްވުން އާކުރެވުމުން އަހަރެން މިހިރީ ވަރަށް ހިތްހަމަޖެހިފައި. އަހަރެންގެ މުސަތަގުބަލު މިއޮތީ ދިގު މުއްދަތަކަށް މި ކްލަބާ ގުޅިފައި،" ސުއަރޭޒް ބުންޏެވެ.

އާސެނަލްއިން ސުއަރޭޒް ގެންދަން ދެފަހަރެއްގެ މަތިން މަސައްކަތްކޮށް ނާކާމިޔާބުވެފައިވާއިރު ސުއަރޭޒް ބުނީ އޭނާ ބޭނުންވަނީ އެކުލަބުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށް ކުލަބަށް ޓްރޮފި ތަކެއް ކާމިޔާބުކޮށްދިނުން ކަމަށެވެ. އަދި ލިވަޕޫލުގައި މަޑުކުރަން އޭނާ ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން އޭނާއަށް ލިބެމުންދާ ލޯތްބާއި އަދި ކްލަބުގެ މެނޭޖުމަންޓާއެކު އުފދިފައިވާ ގާތް ގުޅުން ކަމަށެވެ.

ލިވަޕޫލަށް ކުޅެންފެށި ފަހުން އަހުލާގީ މައްސަލަތަކުގައި ސުއަރޭޒް ވަނީ ދެފަހަރެއްގެ މަތިން ސަސްޕެންޑު ކޮށްފަ އެވެ. އެގޮތުން 2011 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑްގެ ޕެޓްރިސް އެވްރާއާ ނަސްލީގޮތުން ދިމާކުރުމުގެ ކުށުގައި 40،000 ޕައުންޑުން ޖޫރިމަނާކޮށް އަށް މެޗަށް ސަސްޕެންޑް ކޮށްފައިވާއިރު މިދިޔަ ސީޒަންގެ ފަހު ކޮޅުގައި ޗެލްސީގެ ޑިފެންޑަރު ބްރަނިސްލަވް އިވަނޮވިޗްގެ އަތުގައި ދަތް އެޅުމުގެ ސަބަބުން 10 މެޗަށް ސަސްޕެންޑު ކޮށްފައިވެ އެވެ.

ސުއަރޭޒް ވަނީ މިސީޒަންގައި އޭނާ ލިވަޕޫލަށް ކުޅުނު 12 މެޗުގައި އެޓީމަށް ޖުމުލަ 17 ލަނޑު ޖަހައިދީފަ އެވެ.