21 Dec 2013, 10:53
އެމްބީއޭ ޗެމްޕިއަންޝިޕްގެ ގްރޫޕް އެކެއްގެ އެއްވަނަ މަގާމު ކަށަވަރު ކުރުމަށް ރޭ ކްލަބު އީގަލްސްއާއި ހަރިކޭން ބާސްކެޓްބޯލް ކްލަބު ވާދަކުރި މެޗުގައި ދެޓީމުގެ މެދުގައި ބޮޑު ހަމަނުޖެހުންތަކެއް ހިންގި މެޗުން ފަސް ޕޮއިންޓުގެ ތަފާތަކުން ހަރިކޭން މޮޅުވި ނަމަވެސް ގްރޫޕުގެ އެއްވަނަ މަގާމް އީގަލްސްއަށް ލިބިއްޖެ އެވެ.
މި މެޗުގެ ނަތީޖާއާއެކު ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ 11 ޕޮއިންޓެވެ. މެޗަށް ނުކުތްއިރު ވެސް އެއް ޕޮއިންޓުގެ ލީޑަކާއެކު ގުރޫޕުގެ އެއްވަނައިގައި އޮތް އީގަލްސް އަށް އެޑްވާންޓޭޖް އޮތް އިރު ހަރިކޭން އަށް ގްރޫޕުގެ އެއްވަނަ ލިބެން އޮތީ ރޭގެ މެޗުން 10 ޕޮއިންޓުގެ ތަފާތަކުން އީގަލްސް ބަލިކޮށްގެންނެވެ. އެއީ މި މުބާރާތުގެ ގަވާއިދުގައި ވާގޮތުން ދެވަނަ ބުރުގައި ދެޓީމު ޕޮއިންޓުގެ ގޮތުން އެއްވަރު ވެއްޖެ ނަމަ ދެން ބަލަނީ ފުރަތަމަ ބުރުގައި ދެޓީމު ބައްދަލު ކުރި މެޗުގެ ނަތީޖާއަށެވެ. ފުރަތަމަ ބުރުގައި މި ދެޓީމު ވާދަކުރި މެޗު އީގަލްސް ކާމިޔާބުކޮށްފައި ވަނީ 9 ޕޮއިންޓުގެ ތަފާތުންނެވެ.
ފޯރިގަދަކޮށް ފެށިގެން ދިޔަ މެޗުގެ ތިންވަނަ ކުއާޓާގެ ތެރޭގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ، އީގަލްސްގެ ކުޅުންތެރިޔަކު ހަރިކޭންގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ހަރިކޭންގެ އެހެން ކުޅުންތެރިއަކު އައިސް އީގަލްސްގެ ކުޅުންތެރިޔާ ކޮއްޕާލުމުންނެވެ. އެވަގުތު ދެޓީމުގެ ބެންޗުން ކުޅުންތެރިންނާއި އޮފިޝަލުން ކޯޓަށް އަރައި މެޗު ހޫނުވީ އެވެ.
ރޭގެ މެޗުން ހަރިކޭން މޮޅުވީ 91-86 ޕޮއިންޓުންނެވެ. މި މެޗުގައި ހަރިކޭންއަށް އެންމެ ގިނަ ޕޮއިންޓު ހަމަކޮށްދިނީ، އަހްމަދު އިފްސާހު އާއި އަބްދުﷲ އަފްލާހު ޝަރީފު އެވެ. މިއިން ކޮންމެ ކުޅުންތެރިޔަކުވެސް 20 ޕޮއިންޓު ހޯދި އެވެ. އީގަލްސްއަށް އެންމެ ގިނަ ޕޮއިންޓު ހަމަކޮށްދިނީ 17 ޕޮއިންޓު ހޯދި ހުސައިން ހަލީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަރިކޭންގެ އިފްސާހު އެވެ.
އީގަލްސް އާއި ހަރިކޭން އަށް ވެސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރު ވެފައިވާއިރު ހޯމަ ދުވަހު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ހަރިކޭން ވާދަކުރާނީ ގްރޫޕް ދޭއްގެ ދެވަނަ ޓީމާއެވެ. އަދި އެ ރޭ ކުޅޭ ސެމީގެ ދެވަނަ މެޗުގައި އީގަލްސް ވާދަކުރަން ޖެހޭނީ ގްރޫޕް ދޭއްގެ އެއްވަނަ ހޯދާ ޓީމާ އެވެ.
ގްރޫޕު ދޭއްގެ އެއްވަނަ މަގާމު ކަށަވަރު ކުރުމަށް 13 ޕޮއިންޓާއެކު އެ ގްރޫޕުގެ ދެ ވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބު މިރޭ ނިކުންނާނީ 14 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައި އޮތް ރެޑްލައިން ކްލަބާ ދެކޮޅަށެވެ. މި ދެޓީމު ފުރަތަމަ ބުރުގައި ވާދަކުރި މެޗު 91-76 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ އާރުއެލްސީ އެވެ.