ގިނަ ދުވަސް ވަންދެން ފަނާވެނުގޮސް ހުންނަ މާއްދާތަކާ ބެހޭ ސާވޭއެއް ކުރަން އެންވަޔަރަމަންޓް މިނިސްޓްރީ އިން ފަށައިފި އެވެ.

އެ މިނިސްޓްރީ އިން ބުނީ މިއަދު މާލޭ ސިޓީގައި ފެށި "އީވޭސްޓް ސާވޭ"އަކީ ގިނަ ދުވަސްތަކެއް ވަންދެން ފަނާވެގެން ނުގޮސް ހުންނަ މާއްދާތަކާ ބެހޭ މައުލޫމާތު އެއްކޮށް އެކަމަށް އާންމުން ހޭލުންތެރިކުރުމަށް ހިންގާ ސާވޭއެއް ކަމަށެވެ.

މާލޭގައި އެ ސާވޭ ހިންގަނީ އެންވަޔަރަމެންޓް މިނިސްޓްރީ އާއި ސީއެޗްއެސްސީ އާއި ގައުމީ ޔުނިވާސިޓިގެ އިތުރުން ރެޑްކުރެސެންޓުންނާއި އަމިއްލެ ފަރާތްތައް ގުޅިގެނެވެ.

ގޭބިސީތަކުގައި ބޭނުންކުރާ ކަރަންޓާއި ކަރަންޓް ބޭނުންކުރާ ތަކެއްޗާއި އޭގެއިން އުފެދޭ ކުނި (އީ ވޭސްޓް) ހުންނަ މިންވަރު ބެލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ މީގެ ކުރިން ސާވޭތައް ކުރިއަށް ގެންގޮސްފަ އެވެ.

ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނިނައްތާލެވޭނެ ނިޒާމެއް ނެތުމަކީ ރާއްޖެ އަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އަދި އެއީ ދެމެހެއްޓެނިވި ތަރައްގީ އަށް ކުރިމަތިވެފައިވާ ބޮޑު ހުރަހަކަށް ވެސް ވަނީ ވެފަ އެވެ.