20 Dec 2013, 18:49
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު އަންނަ މަހުގެ ކުރީކޮޅު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސްގެ ދަތުރުފުޅުތަކާ ބެހޭ ގޮތުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އަންނަ މަހުގެ ކުރީކޮޅު އިންޑިއާއަށް ދަތުރުފުޅުކުރެއްވުމަށް ނިންމަވާފައިވާ އިރު އޭގެ ފަހުން ޖެނުއަރީ މަހުގެ ތެރޭގައި ސްރީލަންކާއަށް ވެސް ރަސްމީ ދަތުރުފުޅެއްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އެ ދަތުރުފުޅަށްފަހު ރައީސް ބޭނުންފުޅުވޭ އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ދަތުރުފުޅެއް ފެއްޓެވުމަށް. އެގޮތުން އުތުރުގެ އަތޮޅުތަކަށާއި ދެކުނުގެ އަތޮޅުތަކަށް ވަޑައިގަންނަވާނެ،" މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ޖަޕާނަށް ކުރައްވާ ދަތުރުފުޅެއް ވެސް އަންނަ އަހަރުގެ ކުރީކޮޅު އޮންނާނެ ކަމަށެވެ. އަދި އެ ދަތުރުފުޅަކީ ރާއްޖޭގެ ރައީސަކު ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.
ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ އެންމެ އިސްވެރިންގެ އިތުރުން އެ ގައުމުގެ އެކި އެކި ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ވަކި ވަކި ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމެއް މުއާޒު ވިދާޅެއްނުވެ އެވެ.
މީގެއިތުރުން އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަންނަ އަހަރުގެ ކުރީކޮޅު ދަތުރުފުޅެއް ފައްޓަވަން ނިންމަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.