20 Dec 2013, 17:27
އެއާ ކޮންޑިޝަނާއި ފިނި ކުރުމަށް ބޭނުންކުރާ ގިނަ ބާވަތްތަކެއް އުފެއްދުމުގައި 70 އަހަރުގެ ތަޖުރިބާ ހޯދާފައިވާ އިންޑިއާގެ މަޝްހޫރު "ބްލޫ ސްޓާ" ބްރޭންޑުގެ އުފެއްދުންތައް ރީފްސައިޑުން ރާއްޖެއަށް އިއްޔެ ތައާރަފްކޮށްފި އެވެ.
ޓްރޭޑާސް ހޮޓަލުގައި އިއްޔެ ހަވީރު އޮތް ރަސްމިއްޔާތެއްގައި ބްލޫ ސްޓާއިން ރާއްޖެއަށް އަލަށް ތައާރަފްކުރި ޕްރޮޑަކްޓުތައް ތައާރަފްކޮށްދެއްވީ ބްލޫ ސްޓާގެ އެގްޒެކެޓިވް ވައިސް ޕްރެސިޑެންޓް މުކުންދަން މެނޮން އެވެ.
އެ އުފެއްދުންތައް ތައާރަފް ކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރީފްސައިޑްގެ އެގްޒެކެޓިވް ޑަރެކްޓަރު ސަލްމާން ހަސަން ވިދާޅުވީ ރާއްޖެއަށް ތައާރަފްކުރި ޕްރޮޑަކްޓްސް ތަކުގެ ތެރޭގައި އެކިފަންތިތަކަށް ގުޅޭނެ އެއާކޯނާއި އައިސް އަލަމާރިއާއި އައިސް މެޝިންގެ އިތުރުން ބޮޓްލް ވޯޓާ ޑިސްޕެންސާ ފަދަ ގިނަ ބާވަތްތަކެއް ހިމެނޭނެ ކަމަށެވެ.
ބްލޫ ސްޓާގެ އުފެއްދުންތަކަށް ހާއްސަކޮށްގެން އެއް މަސް ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްދާނެ ކަމަށާއި އެ ޕްރޮމޯޝަންގެ ތެރޭގައި އެ ބްރޭންޑުގެ އުފެއްދުންތައް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލްމާން ވިދާޅުވީ ބްލޫ ސްޓާގެ ކޮންމެ އުފެއްދުމަކަށް އެއް އަހަރުގެ ދުވަހުގެ ވޮރަންޓީ ލިބިގެންދާއިރު އެއުފެއްދުންތައް ސާވިސް ކުރުމުގެ މަސައްކަތްވެސް ބްލޫ ސްޓާގެ ތަމްރީން ލިބިފައިވާ ސްޓާފުންގެ ފަރާތުން ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ބޭނުންކުރާ ނަންމަޝްހޫރު ބްރޭންޑުތަކުގެ އުފެއްދުންތަކާއި އަޅާބަލާއިރު ބްލޫ ސްޓާގެ އުފެއްދުންތަކުގެ އަގު ބޮޑުނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބްލޫ ސްޓާގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފްކުރުމުގެ ގޮތުން އިއްޔެ ހެނދުނު ވަނީ މަޖީދީމަގުގައި ހުންނަ "ރީފްސައިޑް އިލެކްޓްރޯނިކްސް"ގައި ބްލޫ ސްޓާގެ އުފެއްދުންތައް ކަސްޓަމަރުންނަށް ދައްކާލުމަށްޓަކައި ހާއްސަ ކޯނާ އެއްވެސް ހުޅުވާފަ އެވެ. އެ ކޯނާ ހުޅުއްވައިދެއްވީ ބްލޫ ސްޓާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަތިޝް ޖަމްދަރު އެވެ.