10 Dec 2010, 06:13
މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ލިބުނު ޗައިނާ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ ލިއު ޒިއާއޮބޯ އަށް އެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ބައވެރިވާނެކަން އިންޑިޔާ ހާމަކޮށްފިއެވެ. އިންޑިޔާއިން މިހެންބުނީ މިރަސްމިއްޔާތުގައި ބައިވެރިނުވުމަށް ޗައިނާއިން ދުނިޔޭގެ ގައުމުތަކަށް ގޮވާލާފާވަނިކޮށެވެ. ޗައިނާއިންވަނީ މިއީ ސިޔާސީ މަޤްސަދެއްގައި ބާއްވާ ރަސްމިއްޔާތެއް ކަމަށްބުނެ މިރަސްމިއްޔާތުގައި ބައިވެރިވާ ގައުމުތަކަށް ނޭދެވޭ ނަތީޖާއާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރުވެސް ދީފައެވެ. ޕްރެސް ޓްރަސްޓްއޮފް އިންޑިޔާއާ ހަވާލާދީ ބީބީސީ ބުނިގޮތުގައި، މިރަސްމިއްޔާތުގައި އިންޑިޔާއިން ބައިވެރިވުމާ ނުވުމަކީ ޗައިނާއާ އިންޑިޔާއާ ދެމެދު ޑިޕްލޮމެޓިކް ނުތަނަވަސްކަމެއް ކުރިމަތިވެދާނެ ކަމެއްކަމަށް އިންޑިޔާގެ މަސްއޫލުވެރިން ދެކެވަޑައިނުގަންނަވާ ކަމުގައެވެ. ނޯބަލް އިނާމު ދިނުމުގެ ރަސްމިއްޔާތު ތަކުގައި ބައިވެރިވުމަކީ ކުރިންވެސް އިންޑިޔާއިން ކުރަމުން ގެންދިޔަ ކަމެއް ކަމަށާ މިފަހަރުވެސް މިރަސްމިއްޔާތުގައި އިންޑިޔާ ބައިވެރިވަނީ މިއުސޫލުން ކަމަށް އިންޑިޔާބުނެއެވެ. ޗައިނާއާ ގާތް ގުޅުންތަކެއް ބާއްވަމުން ގެންދާ އިންޑިޔާގެ އަވަށްޓެރި ޕާކިސްތާން ނޭޕާލް އަދި ސްރީލަންކާއިން ވަނީ އޮސްލޯގައި މާދަމާ ބާއްވާ މިރަސްމިއްޔާތުގައި ބައިވެރިނުވާނެ ކަން ހާމަކޮށްފައެވެ. މިއަހަރު ނޯބެލް ސުލަހައިގެ އިނާމު ލިބުނު ޗައިނާގެ ލިއު ޒިއާއޮބޯއަކީ ޗައިނާއަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތްކުރައްވާ އެކްޓިވިސްޓަކަށް ވީނަމަވެސް އޭނާގެ ޢަމަލުތައް އަމާޒުކުރަމުން ގެންދަނީ ޗައިނާގައި ހަމަނުޖެހުން އުފައްދައި ޗައިނާގެ ކުރިއެރުމަށް ހުރަސްއެޅުމަށް ކަމަށް ޗައިނާ ސަރުކާރުން ބުނެއެވެ. އޮސްލޯގައި މިއަދު ބާއްވާ މިރަސްމިއްޔާތުގައި ބައިވެރިނުވާނެ ކަން މިރަސްމިއްޔާތައް ދަޢްވަތު ދެވިފައިވާ އެފްރިކާއާއި ލެޓިން އެމެރިކާގެ ބައެއް ޤައުމު ތަކުންވެސް ވަނީ ހާމަކޮށްފައެވެ. -- މުހައްމަދު ޖަވާދު ޔޫސުފް