މުރަކަ ހިމާޔަތްކޮށް، ދިރުވައި އާލާކުރުމުގެ ޕްރޮގްރާމެއް މާލެ އަތޮޅު ކޮކޯއާ އައިލެންޑް ރިޒޯޓްގައި ފަށައިފި އެވެ.

ޓޫރިޒަމާ ގުޅޭ ހަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ ޓްރެވެލް ޑެއިލީމީޑިއާ ބުނީ ކޮކޯއާގައި ކޮކޯއާ އައިލެންޑްގެ ފަޅުތެރޭގައި މުރަކަ ހެއްދުމަށް ޓަކައި ދަނގަޑު ފްރޭމްތަކެއް އިންދަމުން އަންނަ ކަމަށެވެ. އަދި ހަލާކުވެފައިވާ މުރަކައިގެ ބައިތައް އެފަދަ ފްރޭމްގައި ހަރުކޮށް، ރޯކޮށްގެން އައު މުރަކަ ހައްދާ ކަމަށެވެ. އަދި އެގޮތުން އިންދާ ފްރޭމްތައް ސްޕޮންސާ ކުރުމުގެ ފުރުސަތު އެ ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ދޭ ކަމަށެވެ.

މުރަކަ ހެއްދުމަށް އިންދާ ފްރޭމްތައް ފަރުމާކުރީ މެރިން ކޮންސަލްޓެންސީ ކޮމްޕެނީއެއް ކަމަށްވާ ސީމާކް އިންނެވެ.
ކޮކޯއާ އައިލެންޑްގެ ފަޅުތެރޭގައި އެފަދަ ފްރޭމްތައް އިންދާއިރު ،"ސިންގަލް ފްރޭމެއް" ސްޕޮންސާ ކުރުމަށް ފަތުރުވެރިއެއްގެ އަތުން ނަގަނީ 150 ޑޮލަރު ކަމަށާއި ކަޕްލް ފްރޭމަކަށް ނަގަނީ 300 ޑޮލަރު ކަމަށް ވެސް ވެބްސައިޓްގައިވެ އެވެ.

އެފަދަ ފްރޭމްތައް އިންދައިގެން މުރަކަ އާލާކުރުމަކީ ރާއްޖޭގައި ކުރިން ވެސް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް ކޮކޯއާގައި އެކަން ކުރުމުގައިވާ ތަފާތު ކަމަކީ ފަތުރުވެރިންނަށް ފްރޭމްތައް ސްޕޮންސާ ކުރުމަށް ހުޅުވާލުމެވެ.