20 Dec 2013, 15:06
ދިވެހި ރުއްތަކަށް ކުރިން ބަލި ޖެއްސި "ހިސްޕިޑް މަޑި" އަލުން ރާއްޖޭގައި ފެތުރެމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް އެގްރިކަލްޗާ މިނިސްޓްރީ އިން އިލްތިމާސްކޮށްފި އެވެ.
އިއްޔެ އެ މިނިސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ސްޓޭޓް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ އަރިއަތޮޅުގެ ރަށްތަކުގައި 2000ގެ އަހަރުތަކުގައި ފެތުރުނު "ކޮކޮނޮޓް ހިސްޕިޑް މަޑި" ފުޑް އެންޑް އެގްރިކަލްޗަރު (އެފްއޯއޭ)ގެ ޕްރޮގްރާމެއްގެ ދަށުން ހައްލު ހޯދާފައި ވަނިކޮށް އަލުން އެ މަޑީގެ އުނދަގޫ ރުއްތަކަށް ދިމާވަމުން އަންނަ ކަމަށެވެ.
އެ މިނިސްޓްރީގެ ޑިރެކްޓަރު އައިމިނަތު އަރޫޝާ ވިދާޅުވީ އެ މަޑި ކޮންޓްރޯލް ކުރުމަށް ކުރިން ބޭނުން ކުރި ބައިލޮޖިކަލް ކޮންޓްރޯލާ މިވަގުތު ރާއްޖެ އިން ލިބެން ނެތް ކަމަށާއި އެ ބަލި ފެންނަން ހުރި ރަށްތަކުގައި އެ ކޮންޓްރޯލާ ތައާރަފު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ މަޑި ނައްތާލުމަށް ކެމިކަލް ބޭނުން ކުރެއްވި ދާނެ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ރުއްތަކަށް ގެއްލުން ލިބޭނެތީ އެކަމަށް ތަރުހީބު ނުދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މަޑި ނައްތާލުމަށް ރުއްތަކަށް ކެމިކަލް ބޭނުންކުރަން ޖެހެނީ ރުއްތަކުގެ ބުޑުން ލޯވަޅު ތޮރުފައިގެން ރުކުގެ ފެނަށް ކެމިކަލް އިންޖެކްޓް ކޮށްގެން. ދެން އެ މަޑިއަކީ ރުކުގެ ބޮންތީގެ އެތެރެއަށް ބިސް އަޅައިގެން ފަނުގެ ދިޔަ ބޮއެގެން އުޅޭ އެއްޗަކަށް ވާތީ ކެމިކަލް ފެން ފަންތަކަށް ގޮސް އެ ފެން ފަނި ބޮއެގެން އެއެއްޗެހި މަރު ވަނީ. ނަމަވެސް އެ ކެމިކަލްގެ ސަބަބުން ރުކުގައި އަޅާ ކާއްޓަށް ވެސް އަސަރުކުރޭ،" އަރޫޝާ ވިދާޅުވި އެވެ.
އަރޫޝާ ވިދާޅުވީ އދ. އަތޮޅުން ފެތުރެން ފެށި އެ ބަލި ހައްލުކުރުމަށް ބައިލޮޖިކަލް އެޖެންޓެއް ރާއްޖެ ގެނެސްގެން 2003 ވަނަ އަހަރު އެކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. ނަމަވެސް އެ ކަމަކީ އަބަދު ވެސް ކުރަން ޖެހޭ ކަމަކަށް ވާތީ އާއި އެ ބަލި ޖެހިފައި ހުރި ރުކުގެ ބައިތައް އެކި ތަންތަނަށް ގެންދިއުމުގެ ސަބަބުން މިހާރު އެ ބަލި ކ. އަތޮޅުންނާއި ނ. އަތޮޅުގެ އިތުރުން ރ. އަތޮޅުން ވެސް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިސްޕިޑް މަޑީގެ ސަބަބުން ރުއްތަކަށް ދިމާވާ މައްސަލަތައް ފާހަގަކުރައްވައި އަރޫޝާ ވިދާޅުވީ ރުކުގެ ބޮންތީގެ ތެރެއަށް ބިސްއަޅައިގެން ފަތުގެ ދިޔަ ބޮއެގެން ބޮޑުވާ އެ މަޑީގެ ސަބަބުން ރުކުގެ ފަންތައް މުށިކުލައަށް ބަދަލުވެ، ރަށުގެ މަލަމަތި ބަދަލުވެގެންދާ ކަމަށެވެ. އޭގެ އިތުރުން ރުއް ހެދިބޮޑުވުމަށް ވެސް އަސަރުތަކެއްކޮށް ރުކުން ލިބޭ ކާށީގެ ނިސްބަތް ވެސް މަދުވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިސްޕިޑް މަޑި އިތުރަށް ރަށްތަކަށް ފެތުރުނަ ނުދިނުމަށް އެ މިނިސްޓްރީ އިން ވަނީ ފަން ފަދަ ރުކުގެ ބުޑު ފަދަ ތަކެތި އެ އްރަށުން އަނެއްރަށަށް ގެންދާ އިރުގައި ވެސް އެކަންތައް ބަލައިގެން ގެންދިއުމަށް އިލްތިމާސްކޮށްފަ އެވެ. އޭގެ އިތުރުން ރާއްޖެ އިން ބޭރުން ގަހާއި ގަހުގެ ބައިތައް އެތެރެކުރުމުގައި ސަމާލުވުމަށް ވެސް އެ މިނިސްޓްރީން އިލްތިމާސްކުރި އެވެ.
މިހާތަނަށް ހިސްޕިޑް މަޑި ފެނިފައިވާ ރަށްތަކުގެ ތެރޭގައި ސަން އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓާއި ފެންފުއްޓާއި މާމިގިލި ހިމެނެ އެވެ. މީގެ އިތުރުން ތޮޅަފުއްޓާއި އަރިޔަދު އާއި ބޮޑުފިނޮޅުގެ އިތުރުން ކުޑަދޫ އާއި ހިޔަފުއްޓާއި ދިއްދޫ އާއި ދިއްދޫފިނޮޅު ހިމެނޭ އިރު މެދުފިނޮޅާއި ރަސްކޮޅު ހުރާ އަދި ދިގުފިނޮޅުން ވެސް ވަނީ އެ މަޑިފެނިފަ އެވެ.