ފުލުހުން ގާއިމްވެފައިވާ ކޮންމެ ރަށެއްގެ ސްކޫލަށް ލިއޭޒަން އޮފިސަރެއް ބެހެއްޓުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ ލިއޭޒަން އޮފިސަރެއް ބެހެއްޓުމުން ސްކޫލާއި ފުލުހުންނާ މެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ކޮމިޝަނަރު ވިދާޅުވީ ލިއޭޒަން އޮފިސަރާ ސްކޫލާ މެދު އޮންނަ ގުޅުމުގެ ސަބަބުން ސްކޫލްތެރޭގައި ދިމާވާ ކަންތައްތައް ފަސޭހައިން އެނގި، ފުލުހުން މެދުވެރިކޮށް ހައްލުކުރަން ޖެހޭ ކަންތައްތައް ފަސޭހައިން ހައްލުކުރެވިގެންދާނެ ކަމަށެވެ.

ސްކޫލް ކުދިންގެ އަޚުލާގު ދިރާސާކޮށް އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން ދޭން ޖެހޭ އިރުޝާދުތައް ދިނުމަކީ ލިއޭޒަން އޮފިސަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

ފުލުހުންގެ މަރުކަޒުގައި ލިއޭޒަން އޮފިސަރު މަސައްކަތް ކުރެއްވި ކަމަށް ވިޔަސް ސްކޫލުން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި އޭނައާ ފޯނުން ވާހަކަ ދެއްކުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

"ލިއޭޒަން އޮފިސަރު މަސައްކަތް ކުރައްވާނީ ފުލުހުންގެ މަރުކަޒުގައި. ރާއްޖެ ތެރޭގެ ރަށެއްގައި ނަމަ އެރަށެއްގެ ޕޮލިސްޓޭޝަންގައި. އެތަނުގައި މަސައްކަތް ކުރި ނަމަވެސް ސްކޫލުން ބޭނުންވެއްޖެ ކޮންމެ ވަގުތަކު ލިއޭޒަން އޮފިސަރާ ބައްދަލުކުރެވި، ދެފަރާތުން ބޭނުންވާ ކަންކަމުގައި މަޝްވަރާ ކުރެވޭނެ،" ކޮމިޝަނަރު ވިދާޅުވި އެވެ.