19 Dec 2013, 20:15
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒުއާ އިތުރު ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މުއިއްޒުގެ އިތުރުން އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ގދ. ތިނަދޫ ހިރިޔާ ސިޔާނަތު ހާޝިމް ކަމަށެވެ.
އެ ދެބޭފުޅުންގެ އިތުރުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ގ. ފަހިވާވިލާ ޑރ. މުހައްމަދު އަސީލް ޖަލީލާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ޖެންޑާ މިނިސްޓަރުކަން ކުރައްވާފައިވާ އަނީސާ އަހްމަދާއި ވިލިމާލޭ ސަހާ މުހައްމަދު ޝިހާބާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހަސަން ހަބީބާއި ޅ. ކުރެންދޫ ނޫރަންގޭ ޒުލްފާ އިބްރާހީމެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ގެ 52 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ އިދާރާއެކެވެ.