އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަން ސަރުކާރުން ހަވާލުކޮށްފި ނަމަ އެކަމަށް ތައްޔާރަށް އޮތް ކަމަށް އެއާޕޯޓް ކުރިން ހިންގި އިންޑިއާގެ ޖީއެމްއާރު ކުންފުނިން މިއަދު ބުނެފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެއާޕޯޓް ހިންގަން ހަވާލުކުރި ކުންފުންޏާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލައި އެއާޕޯޓް ހިންގުމާ އެމްއޭސީއެލް އިން ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު 8ވަނަ ދުވަހުން ފެށިގެންނެވެ. އެ އެއްބަސްވުން ސަރުކާރުން އުވާލުމާ ގުޅިގެން ޖީއެމްއާރުން ވަނީ އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަން ސެންޓަރަށް ވެސް ހުށަހަޅައިފަ އެވެ. އަދި ދެ ފަރާތުގެ އާބިޓްރޭޓަރުން ކަނޑައަޅައި އެ މައްސަލައިގެ އަޑުއެހުން އަންނަ އަހަރުގެ މާޗްމަހުގެ ފަހުކޮޅު ބޭއްވުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ޖީއެމްއާރުގެ ޗެއާމަން ޖީއެމް ރާއޯ އިންޑިއާގެ ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އާ ސަރުކާރުން ދައުވަތު ދީފި ނަމަ އެއާޕޯޓް ހިންގަން އެ ކުންފުނި އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަށް އާ ސަރުކާރާ ދެކެވިފައިނުވާ ކަމަށް ރާއޯ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިވަގުތު މިތިބީ އާބިޓްރޭޝަންގައި. ނަމަވެސް ސަރުކާރުން މަޝްވަރާކުރުމަށްފަހު އަލުން އެއާޕޯޓް ހިންގަން ހަވާލުކޮށްފި ނަމަ އަޅުގަނޑުމެން މިތިބީ އެކަމަށް ތައްޔާރަށް،" ހައިދަރުއާބާދުގައި އޮތް އިންޑިއަން އެންޓަޕްރިނިއާސް ސަމިޓްގެ ހަވާސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.

ރާއޯ ވިދާޅުވީ އެއާޕޯޓުގެ އެއްބަސްވުން ގާނޫނާ ހިލާފަށް އުވާލާފައިވާތީ އެކަމުގެ ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ހޯދުމަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ވެރިކަމަށް އެނބުރި ވަޑައިގެންފި ނަމަ އެއާޕޯޓް ހިންގުމަށް ޖީއެމްއާރަށް ދައުވަތު ދެއްވާނެ ކަމަށެވެ. އަދި އެކަމަށް ޖީއެމްއާރު ވެސް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.

ދާދިފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް ކޮމިޓީގެ ކޯ ޗެއާ އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ މިހާރު ވެސް އެއާޕޯޓް ހިންގާ އެމްއޭސީއެލް ފިޔަވައި އެހެން ބަޔަކާ އެއާޕޯޓް ހަވާލުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

"ޕީޕީއެމް ނުވަތަ އަޅުގަނޑުމެންނަކީ ދިވެހިރާއްޖޭގެ އެއާޕޯޓް ފުރަތަމައިނުން ވެސް އެކަމާ އިސް ނެގި އެއް ފަރާތް. އަޅުގަނޑުމެންގެ ރައީސަކީ އެކަމާ އިހުތިޖާޖު ކުރުމުން ޖަލަށް ލެވި، އަދި އަޅުގަނޑުމެންގެ ކޯލިޝަން ޕާޓްނާ ގާސިމާ ދެ ބޭފުޅުންނަކީ ވެސް މިކަމުގައި ހައްޔަރު ކުރެވި ވަރަށް ބޮޑެތި އަދަބުތައް ސަފާ ކުރެއްވި ބޭފުޅުން. އަދި އެއަށް ފަހު ރައީސް ވަހީދުގެ ސަރުކާރުން ވަނީ ރާއްޖެ މިކަމުން ސަލާމަތްކޮށް މި ހިސާބަށް އާދެވިފައި،"އަދީބު ވިދާޅުވި އެވެ.

ޖީއެމްއާރާ ދެމެދު ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުން އުވާލީ އާއްމުންގެ ވަރަށް ގިނަ ބައެއްގެ ޕްރެޝަރު ވެސް ސަރުކާރަށް ކުރިމަތިވުމުންނެވެ.