19 Dec 2013, 19:21
ސަރުކާރު ހިންގާ ޕާޓީތަކަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ހުދުމުހުތާރު ވެރިކަމެއް އުފެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް މިއަދު ހަވީރު ކެމްޕެއިން ފެއްޓެވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވުން ޝާހިދު ވިދާޅުވީ ސަރުކާރާއި އިދިކޮޅު ޕާޓީ ގޮތުގައި އޮތް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ މިހާރު ހިނގަމުންދާ ވެރިކަމުގެ ނިޒާމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ސަރުކާރު ހިންގާ ފަރާތާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާމިންވަރުބަލާ ފަރާތާއި ދެ ފަރާތަކީ އެކީ އެއް ބަޔަކަށް ވެއްޖެކަމުގަ ވަނީ ނަމަ އަޅުގަނޑު ދަންނަވާނީ ދެން ރާއްޖޭގައި އޮންނާނީ ހުދުމުހްތާރު ވެރިކަމެއް،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި މަޖިލިސް އިންތިހާބަށް ނިކުމެވަޑައިގެން، ސަރުކާރުގައި ހިމެނޭ ކޯލިޝަނާއި ވާދަކޮށްގެން ވެސް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ކެޔޮދޫ ދައިރާގެ މެންބަރު ޝާހިދުވަނީ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ދޮރުން ދޮރަށް ކެމްޕެއިން ފައްޓަވާފަ އެވެ.