19 Dec 2013, 18:43
މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އަމިއްލަ ފަރާތަކުން ރާއްޖެ ގެނައި 1،142 ކޭސް ރަލުގެ ބާވަތްތައް ނައްތާލާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.
މުއްދަތު ހަމަވެފައި ހުރުމުގެ ސަބަބުން ޕަބްލިކް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުމުގެ މަތިން މިއަދު ނައްތާލާފައި ވަނީ 8،000 އަށް ވުރެ ގިނަ ފުޅީގެ ރަލާއި 6،000 އަށް ވުރެ ގިނަ ބަނގުރާ ދަޅެވެ.
ކަސްޓަމްސްއިން ބުނީ މިތަކެތި ނައްތާލާފައި ވަނީ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.
ރާއްޖެއަށް އެތެރެކުރާ ތަކެތީގެ ތެރެއިން މުއްދަތު ހަމަވެ، ކުނިވެފައިވާ ތަކެތި އަދި އިންސާނުން ކެއުމަށް އެކަށީގެން ނުވާ ކަމަށް ކާމާބެހޭ އިދާރާތަކުން ކަނޑައަޅާ ތަކެތި ކަސްޓަމްސްގެ އާއްމު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނައްތާލަމުން އަންނަ ކަމަށް އެއިދާރާއިން ބުނެ އެވެ.
މިގޮތުން މިދިޔަ މަހުގެ ފަހުކޮޅުވެސް 2،000 ކޭސް ބަނގުރާ ކަސްޓަމްސްއިން ވަނީ ނައްތާލާފަ އެވެ.