19 Dec 2013, 18:33
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން އަމިއްލަ ހަރަދުގައި އެނބުރި އެމީ ހެއްގެ ގައުމަށް ދާން ބޭނުންވާ ބިދޭސީން ރަޖިސްޓްރީކުރުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން އިއުލާންކޮށްފި އެވެ.
މިގޮތުން މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ބިދޭސީން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އަންނަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހާއި ހަވަނަ ދުވަހުގެ ނިޔަލަށް ވެސް މިގަޑިތަކުގައި ރަޖިސްޓްރީ ކުރަން ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށްދާނީ ދަރުމަވަންތަ ސްކޫލުގައި ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގަ އެވެ.
އިމިގްރޭޝަނުން ބުނީ އަމިއްލަ ހަރަދުގައި އެނބުރި ގައުމަށް ދާން ބޭނުންވާ ބިދޭސީން ރަޖިސްޓްރީވުމަށް ހާޒިރުވާނީ އެ ބިދޭސީއެއްގެ ގައުމަށް ނިސްބަތްވާ ހައި ކޮމިޝަނުން ދޭ ފޮޓޯ ޖެހި ލިޔުމެއް ހިފައިގެން ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް އިމިގްރޭޝަނުން ބުނާއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. މިމައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށާފައިވާއިރު، މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ފަށާފައިވާ ފުރަތަމަ މަސައްކަތެވެ.