19 Dec 2013, 17:23
އާއްމު ހާލަތްތަކުގައި މުސްލިމުން ފައްޅިތަކަށް ޒިޔާރަތްކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް ބުނެ ފިގުހު އެކަޑަމީއިން ފަތުވާއެއް ނެރެފި އެވެ.
ފިގުހު އެކަޑަމީއިން ނެރުނު ފަތުވާގައި ބުނެފައި ވަނީ އިސްލާމްދީނަކީ ތައުހީދު ނުވަތަ ﷲގެ އެއްކައުވަންތަކަމުގެ މައްޗަށް ބިނާވެގެންވާ ދީނެއް ކަމަށާއި ޝިރުކަށް މަގުފަހިވާ ގޮތަށް އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރެވޭ ތަންތަނަށް މުސްލިމުން ވަނުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.
"އެހެން ދީންތަކުގެ ޝިއާރު ފާޅުކުރެވޭ ތަންތަނަށް މުސްލިމުން ޒިޔާރަތްކުރުމަކީ ހުއްދަ ކަމެއް ނޫން. ސަބަބަކީ އިސްލާމީ ޝަރީއާ ވަނީ ޝިރުކުގެ އެންމެހާ ދޮރުތައް ބަންދުކޮށް އަދި ޝިރުކަށް މަގުފަހިކޮށްދޭ އެންމެހާ ކަންތައްތައް މަނާކޮށްފައި. އެހެނީ ކާފަރުން އަޅުކަންކުރާ ތަންތަނަށް ޒިޔާރަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން އެބައިމީހުންގެ ބާތިލް އަގީދާއާ މެދުގައި މުސްލިމެއްގެ ހިތުގައި ރުހި ގަބޫލުވުން އުފެދިދާނެ،" އިސްލާމީ ފިގުހު އެކަޑަމީގެ ފަތުވާގައިވެ އެވެ.
ފިގުހު އެކަޑަމީގެ ނައިބު ރައީސް މުހައްމަދު ގިޔާސް އަބްދުލް ލަތީފް އަދި އެއެކަޑަމީގެ ހަ މެމްބަރުން ސޮއިކޮށް ނެރެފައިވާ ފަތުވާގައި ބުނެފައި ވަނީ އާއްމު ގޮތެއްގައި މަނާވި ނަމަވެސް، އިސްތިސްނާވާ ހާލަތްތައް ހިމެނޭ ކަމަށެވެ.
މިގޮތުން އެތަންތަނުގައިވާ ކުފުރުގެ ރަމްޒުތަކަށް ނުރުހޭ ހާލުގައި، އިލްމީ ބޭނުމަކަށް ފައްޅުތަކަށް ވަނުމަކީ ހުއްދަކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެ އެވެ.
"އަގީދާ ހަރުދަނާ މީހަކު އިލްމީ ބޭނުމަކަށްޓަކައި ނުވަރަ ޝަރުއީ ޒަރޫރަތަކަށްޓަކައި އެތަންތަނަށް ޒިޔާރަތްކުރެވިދާނެ،" ފަތުވާގައިވެ އެވެ.
ފަތުވާގައި ބުނެފައި ވަނީ މިފަދަ ކަމެއްގައި ވެސް ކާފަރުންގެ އީދު ދުވަހެއް ނުވަތަ އެބައިމީހުންގެ ދީނީ މުނާސަބަތެއްގައި ފައްޅިއަށް ޒިޔާރަތްކުރުން ހުއްދަ ނޫން ކަމަށެވެ.
މިކަމުގެ ދަލީލެއްގެ ގޮތުގައި އުމަރު ރަޟިޔަﷲ އަންހު ރިވާކުރައްވާފައިވާ ހަދީސަކަށް އިޝާރާތްކުރައްވާފައިވެ އެވެ.
"އެބައިމީހުންގެ އީދުތަކުގައި ފައްޅިތަކަށް ނުވަންނާށެވެ. ހަމަކަށަވަރުން އެވަގުތުގައި އެބައިމީހުންގެ މައްޗަށް ކޯފާބާވައްލަވެ އެވެ" އުމަރުގެފާނުގެ އަރިހުން ރިވާކޮށްފައިވާ ހަދީސްގެ މާނާގައިވެ އެވެ.