ލާމަރުކަޒީ ގާނޫނާއި އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައީސް އޮފީހުން ބުނީ ލާމަރުކާޒީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެލުއްވީ ގާނޫނުއަސާސީގައި ބަޔާންކުރާ ޔުނިޓަރީ ދައުލަތުގެ ސިފަތަކާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ އުޞޫލުތައް ހަރުދަނާކުރުމަށް ކަމަށެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާހު ހުށަހެޅީ އެޗްސީއެފްސީ ގޭސް އެކުލެވޭ ނުވަތަ ބޭނުންކުރާ މެޝިނަރީ އާއި އިކުއިޕްމަންޓުން ނެގޭ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމަށާއި، އޯޒޯނާ ރައްޓެހި ގޭސް ބޭނުންކުރާ މެޝިނަރީ އާއި، އިކުއިޕްމަންޓްގެ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށާއި، ޕޯލްޓްރީ ކުރިއެރުވުމަށާއި ތިމާވެއްޓާ ރައްޓެހި ފާމިންގްއަށް ހިތްވަރުދިނުމަށް ކަމަށެވެ. އަދި ބައެއް މުދަލުގެ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށާއި، އަދި ޑޮލަރުގެ އަގަށާއި، ދުނިޔޭގެ ބާޒާރުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން އިމްޕޯޓް މުދަލުގެ އަގުތަކަށް އައިސްފައިވާ ބަދަލަށް ރިޢާޔަތްކޮށް، އިމްޕޯޓް ޑިއުޓީގެ މިންވަރުތަކަށް ބަދަލުގެނައުމަށްޓަކައި، ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.