19 Dec 2013, 15:44
އެފްރިކާގެ މެދުތެރޭގައި އޮންނަ ސެންޓްރަލް އެފްރިކަން ރިޕަބްލިކް (ސީއޭއާރް) ގައި މިހާރު ހިނގަމުން ދާ ހަމަނުޖެހުންތަކާއި ލޭ އޮހޮރުވުންތަކުގައި މަރު ވެފައި ވާ މީހުންގެ އަދަދު ކުރީން ހީ ކުރި ވަރަށް ވަރަށް ވުރެ އިތުރު ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލްގެ ރިޕޯޓެއްގައި ބުނެފިއެވެ.
އެމްނެސްޓީން މެދުތެރޭ އެފްރިކާއަށް ޚާއްސަ ކޮށްފައި ހުންނަ ތަޖުރިބާކާރު ކްރިސްޓިއަން މުކޯސާ ލިޔުއްވި ރިޕޯޓުގައި ބުނެފައި ވަނީ ދެ ދުވަސް ވާންދެން ހިނގި ވަރުގަދަ ހަމަނުޖެހުންތަކުގައި މަރު ވި މީހުންގެ އަދަދު 1000 އާ ގާތް ކުރާ ކަމަށެވެ. އަލިފުދާލުގެ އޮފިޝަލުން ކުރީން އަންދާޒާ ކޮށްފައި ވަނީ މަރު ވި މީހުންގެ އަދަދަކީ ގާތްގަނޑަކަށް 600 ކަމަށެވެ. އަލިފުދާލުން ބުނެފައި ވަނީ ވެރިރަށް ބަންގުއިގެ އެކި ހިސާބުތަކުގައި 450 ވަރަކަށް މީހުން، އަދި ގައުމުގެ އެހެން ސަރަހައްދުތަކުން 150 ވަރަކަށް މީހުން މަރައިލެވިފައި ވާ ކަމަށެވެ.
އެމްނެސްޓީގެ ރިޕޯޓުގައި ބުނެފައި ވަނީ ސީއޭއާރުގައި މިހާރު ހިނގަމުން ދަނީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ކަމަށެވެ.
"އެއްވެސް ޝައްކެއް ނެތް ގޮތުގައި، ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް އެބަ ހިންގޭ. ހަމަނުޖެހުމުގައި ދެ ފަރާތުން ވެސް ގެންދަނީ އެފަދަ ޖަރީމާތައް ހިންގަމުން." ރިޕޯޓުގައި މުކޯސާ ލިޔުއްވައިފައި ވެއެވެ.
ސީއޭއާރުގެ ހަމަނުޖެހުންތަކުގެ މައިގަނޑު އަސްލަކީ އެ ގައުމުގެ ކްރިސްޓިއަނުންނާއި މުސްލިމުންނާ ދެމެދުގައި އުފެދިފައި ވާ ދީނީ ހަސަދަ އާއި ރުޅިވެރިކަމެވެ. ގައުމުގެ އާބާދީގެ 50 އިން ސައްތަ އަކީ ކްރިސްޓިއަނުންނެވެ. މުސްލިމުންގެ ނިސްބަތަކީ 15 އިން ސައްތައެވެ. ނަމަވެސް މި އަހަރުގެ މާރިޗު މަހުން ފެށިގެން ގައުމުގެ ވެރިކަން ކުރަމުން ގެންދަނީ ކުރީގެ ސަރުކާރާ ދެކޮޅަށް ކުރެވުނު ބަޣާވާތެއްގައި ވެރިކަން ފިރުކައިގަތް މުސްލިމް ޖަމާއަތްތަކާއި، މަދު އަދަދެއްގެ ކްރިސްޓިއަން ޖަމާއަތްތައް ހިމެނޭ ސެލީކޭ އިއްތިހާދަކުންނެވެ.
ސެލީކޭ އިއްތިހާދުގެ ލީޑަރެއްގެ ހައިސިއްޔަތުން ސީއޭއާރުގެ ރައީސްކަމުގެ މަގާމާ ހަވާލު ވެވަޑައިގެން ހުންނެވި މިކެލް ޖޮޓޯޑިއާ އަކީ ސީއޭއާރްގެ ތާރީޚުގައި ވެސް އެ ގައުމުގެ ވެރިކަން ކުރައްވާ ފުރަތަމަ މުސްލިމް ލީޑަރެވެ.
ޖޮޓޯޑިއާ މީގެ ހަތަރު ދުވަސް ކުރީން ވިދާޅު ވެފައި ވަނީ ސަރުކާރާ ދެކޮޅަށް ހަތިޔާރާ އެކު ހަރަކާތްތެރި ވާ ކްރިސްޓިއަން ހަނގުރާމަވެރީންނާ އެކު ސުލްހައިގެ ވާހަކަތައް ބާއްވަވާން ތައްޔާރަށް ހުންނެވި ކަމަށެވެ.
އެމްނެސްޓީގެ ރިޕޯޓުގައި ވާ ގޮތުން، ސީއޭއާރުގައި މިހާރު އަލަށް އުފެދިގެން އުޅޭ ހަމަނުޖެހުންތަކުގެ އަސްލަކީ މި ހިނގާ ޑިސެންބަރު މަހުގެ ކުރީކޮޅު ކްރިސްޓިއަން ހަނގުރާމަވެރީންގެ ޖަމާއަތެއްގެ މީހުން، ވެރިރަށް ބަންގުއިގެ ބައެއް ހިސާބުތަކުގައި މުސްލިމުން ދިރިއުޅޭ ގެތަކަށް ވަދެ، ހިންގި ގަތުލުއާއްމެއްގައި ގިނަ އަދަދެއްގެ މުސްލިމުން މަރައިލުމެވެ.
އިންސާނީ ހައްގުތަކަށް ޓަކައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ އެހެން ޖަމްއިއްޔާއެއް ކަމަށް ވާ ހިއުމަން ރައިޓްސް ވޮޗްގެ ފަރާތުން ޝާއިއު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ، ގައުމުގެ އުތުރުގެ ބަލްދާއެއް ކަމަށް ވާ ބޮސާންގޯއާ ގައި ވެސް ކްރިސްޓިއަން ހަނގުރާމަވެރީން މުސްލިމުންގެ އަވަށްތަކަށް އަރައިގަނެ، ދޮރުން ދޮރަށް ހިނގައި، އެތައް ބަޔަކު މަރައިފައި ވާ ކަމަށެވެ. މި ހަމަލާތަކުގެ ތެރޭގައި މުސްލިމް ތުއްތު ކުދީންގެ މައިންބަފައިންގެ ކުރިމަތީގައި އެ ކުދީންގެ ކަރު ބުރި ކުރުން ފަދަ އަމަލުތައް ހިންގައިފައި ވާ ކަމަށް ވެސް ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި ވެއެވެ.
"ސެންޓްރަލް އެފްރިކަން ރިޕަބްލިކުގެ މަސްރަހުން ފެންނަމުން މިދާ އަނިޔާވެރި ގަތުލުއާއްމުތަކުގެ ނަތީޖާއަކަށް ވާނީ މިފަދަ އިތުރު ގަތުލުއާއްމުތަކަށް މަގުފަހި ވުން. ކޮންމެ ބަޔަކު ވެސް އެ ބަޔަކަށް ލިބޭ އަނިޔާގެ ބަދަލު ހިފުމުގެ ގޮތުން، އެފަދަ އިތުރު އަމަލުތައް ހިންގަމުން އެ ގެންދަނީ." ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި، ޕީޓަރ ބޯކަރޓް ލިޔުއްވައިފައި ވެއެވެ.
މި ގަތުލުއާއްމުތަކާ ގުޅިގެން، ސަރުކާރުގެ ތާއީދު އޮންނަ އަދި ސެލީކޭ ހަރަކާތަށް ނިސްބަތް ވާ މުސްލިމް ހަނގުރާމަވެރީން ހަތިޔާރާ އެކު ވެރިރަށް ބަންގުއިގެ އެކި ހިސާބުތަކަށް ނުކުމެ، ކްރިސްޓިއަނުންނަށް ހަމަލަ ދީ އެތައް ސަތޭކަ ބަޔަކު މަރައިފައި ވެއެވެ. މުސްލިމް ހަނގުރާމަވެރީން ވެސް ކްރިސްޓިއަނުންގެ ގެދޮރުތަކަށް އަރައިގަނެ، ލޫޓުވުމާއި ފޭރުމުގެ ހަރަކާތްތައް ހިންގަމުން ގެންދާ ކަމަށް އެމްނެސްޓީ އާއި ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުތަކުގައި ވެއެވެ.
ހަމަނުޖެހުންތަކުގެ ސަބަބުން، ސީއޭއާރުގައި 210000 މީހުން ގެދޮރު ގެއްލި ބިކަ ވެފައި ވާ ކަމަށް އަލިފުދާލުން އިއްޔެ ވަނީ ބުނެފައެވެ.
ސީއޭއާރުގެ ހަމަނުޖެހުންތައް ފެށުމާ އެކު، ފަރަންސޭސި ސިފައިން ވަނީ އެ ގައުމުގައި ހަރަކާތްތެރި ވާން ފަށައިފައެވެ. ޑިސެންބަރު މަހުގެ ތެރޭގައި ފޮނުވުނު އިތުރު ޔުނިޓުތަކާ އެކު، ފަރަންސޭސި 1600 ސިފައިން ސީއޭއާރުގައި މިހާރު އެބަ ތިއްބެވެ. ނަމަވެސް ހަމަނުޖެހުންތަކާއި ލޭ އޮހޮރުވުން ހުއްޓުވުމުގައި ފަރަންސޭސި ސިފައިންނަށް މާކަ ބޮޑު ކާމިޔާބީތަކެއް ހާސިލު ކުރެވިފައެއް ނުވެއެވެ.
ފަރަންސޭސި ސިފައިންގެ އިތުރުން، އެފްރިކާގެ ގައުމުތަކުގެ ސިފައިންގެ 6000 މީހުންގެ ފައުޖެއް ވެސް ސީއޭއާރަށް ފޮނުވާން، އެފްރިކާގެ އިއްތިހާދުން ވަނީ ނިންމައިފައެވެ. ފަރަންސޭސި ސިފައިންނާ ގުޅިގެން، މި ފައުޖުން ކުރާނެ މަސައްކަތަކީ ގައުމުގައި ސުލްހަ ގާއިމު ކޮށް، ހަނގުރާމަވެރީންގެ އަތުން ހަތިޔާރު އަތުލުމެވެ.