މީހުން ދިރިނޫޅޭ ދ. ވާނީ ކައުންސިލަށް އިތުރު މީހަކު ކުރިމަތި ނުލާތީ، އެ ކައުންސިލަށް ކުރިމަތިލި ފަސް މެންބަރުން އިންތިހާބަކާ ނުލައި ހޮވިއްޖެ އެވެ.

ވާނީ ކައުންސިލްގެ ފަސް ގޮނޑިއަށް މެމްބަރުން ހޮވުނީ ކައުންސިލަށް އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެ އިތުރަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާތީ އެވެ. މިފަހަރު އެ ކައުންސިލުގެ ފަސް މެންބަރުންނަށް ވާދަކުރައްވަނީ އެމްޑީއޭގެ ފަރާތުން ތިން ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމުން ކެންޑިޑޭޓެކެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ އެރަށު ކައުންސިލާއި ގުޅޭގޮތުން އަދި ވަކިގޮތެއް ނުނިންމަވާ ކަމަށެވެ. އަދި ނިންމެވުމަށްފަހު އިއުލާންކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވާނީގައި ދިރިއުޅޭ 437 ގެ ތެރެއިން ގިނަ ބަޔަކު 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި އެ އަތޮޅު ކުޑަހުވަދޫއަށް ބަދުވެފައި ވީނަމަވެސް އެރަށް ފަޅުރަށެއްގެ ގޮތުގައި ހަމަނުޖައްސާތީ އެރަށުގެ ނަމުގައި ކައުންސިލެއް އޮވެއެވެ.

އަންނަ ޖުނުއަރީ މަހުގެ ތެރޭގައި ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވާނީން ވަނީ 194 މީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފަ އެވެ. އަދި އެމީހުން ވޯޓުލުމަށް ހަމަޖެހިފައި ވަނީ ކުޑަހުވަދޫ އިޖްތިމާއި މަރުކަޒުގައި ހުންނަ ވޯޓު ފޮއްޓަށެވެ.