މާލެއާއި ހުޅުލެއާ ދެމެދު ބުރިޖަކުން ގުޅުވާލުމުގެ ޕްރޮޖެކްޓަށް ބޮޑެތި ހުށައެޅުންތަކެއް ލިބެމުންދާ ކަމަށް ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓުރިޒަމް މިނިސްޓަރު އަދީބް ވިދާޅުވީ "ކޮންޓްރެކްޓާ ފައިނޭންސް" އުސޫލުން މާލެއާއި ހުޅުލެއާ ދެމެދު ބްރިޖަކުން ގުޅުވާލުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާއިރު އެކަމަށް އެދި ބޮޑެތި ހުށައެޅުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

"ޗައިނާގެ އިންޖީއަރިން ބޮޑެތި ކުންފުނިތަކާއި ދުނިޔޭގެ އެކި އިންފުރާސްކަލްޗާ ބައްދަލުކޮށް ވާހަކަދައްކަމުން ދޭ،" އަދީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަޖެޓްގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ވިސްނުން ހުރީ ދައުލަތުގެ ބަޖެޓައް ބުރަ ނުވާނެހެން ބްރިޖް ހިންގޭނެ ގޮތަކަށް އެމަޝްރޫއު ހަވާލުކުރަން ކަމަށެވެ.

ބްރިޖް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ މި މަހުގެ 29 ގެ ނިޔަލަށެވެ. އަދި ބްރިޖްގެ ޕްރޮޖެކްޓަށް ބޭނުން ވަނީ، އެބްރިޖް ޑިޒައިންކޮށް، ހިންގާ އަދި މެއިންޓެނަންސްގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ފަރާތެކެވެ.

ބަޖެޓަށް އަލިއަޅުވާލައި އަދީބް ވިދާޅުވީ މަޖިލީހަށް ހުށައެޅި ބަޖެޓް މިހާރު ބޮޑުކޮށްފައިވާއިރު ސަރުކާރުން ރެވެނިއު ހޯދަން ހުށައަޅާފައިވާ ކަންތައްތަކެއް ހުށައަޅާފައިވާއިރު އެކަންކަމާއި އެކު ބަޖެޓް ފާސްވެގެންދާނަމަ ބަޖެޓު ރަނގަޅަށް މެނޭޖް ކުރެވޭނެ ކަމަށެވެ. އަދި ކުރިއށް އޮތްތަނުގައި ސިޔާސީ ރިފޯމްތަކުގެ ބަދަލުގައި އިގްތިސާދީ ރިފޯމެއް ގެނަންޖެހޭ ކަމަށް އަދީބް ވިދާޅުވި އެވެ.

ކުރިއަށް ހުރި ޕުރޮޖެކްޓްތަކަށް އަލި އަޅުވާލައި އަދީބް ވިދާޅުވީ އައްޑޫ ސިޓީގެ ހެރެތެރެ ރިސޯޓްގެ މިހާރު އަލުން ބިޑަށް ހުޅުވާލާފައިވާ ކަމަށާއި އެކަމަށް ބިޑް ކުރެވޭނީ އެއް މިލިއަން ޑޮލަރުގެ ބެންކެ ގެރެންޓީއަކާއެކު ކަމަށެވެ. އަދި ހދ. ކުޅުދުއްފުއްށީގަޔާއި ޅ. އަތޮޅުގައި އެއާޕޯޓް ހެދުމަށްޓަކައި ބޭނުންވާ ކުރެހުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އެދެ އެއާޕޯޓްގެ ތަފްސީލް އަންނަ ހަފްތާގެ ތެރޭގައި ދޭނެ ކަމަށް މިނިސްޓާ އަދީބް ވިދާޅުވިއެވެ.