19 Dec 2013, 15:08
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއެކު ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ގާނޫނީ އަދި ސިޔާސީ ހައްލެއް ހޯދުމަށް ސަރުކާރަށް ހުށަހެޅުމަށް ލޯކަލް ގަވާމެންޓު އޮތޯރިޓީ (އެލްޖީއޭ) ބޯޑުން މިއަދު ފާސްކޮށްފި އެވެ.
މިއަދު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި އިދާރީދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރަށް ހުށަހެޅުމަށް ވެސް ބޯޑު ވަނީ ފާސްކޮށްފަ އެވެ.
ރިޔާސީ އިންތިޚާބާއެކު، އިންތިޚާބު ކުރަންޖެހޭ ހުރިހާ މަގާމަކަށް ބޭފުޅުން އިންތިޚާބުކޮށް ނިންމޭފަދަ ގޮތަކަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެސް އެލްޖީއޭއިން މިއަދު ނިންމި އެވެ.
އެލްޖީއޭއިން ބުނީ އެގޮތަށް ސަރުކާރަށް ހުށަހެޅުމަށް ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެކުއެކީގައި ބާއްވައިފިނަމަ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވި، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ނުދެއްކި ހުރި ހުރިހާ ބިލްތަކަށް ފައިސާ ދައްކަން ބޭނުން ކުރެވިދާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
ހުރިހާ އިންތިޚާބެއް އެއްފަހަރާ ބޭއްވުމުން ވަކިވަކިން އިންތިޚާބުތައް ބާއްވަން ޖެހުމުން ކުރިމަތިވާ އިގްތިސޯދީ އެތަކެއް ގެއްލުންތަކުން އަރައިގަނެވި، ކޮންމެ އިންތިޚާބެއްގެ ސަބަބުން ވީދިގެންދާ ގައުމުގެ އިޖުތިމާއީ ފޭރާން ހަލާކުވުން ކުޑަކުރެވި ރައްޔިތުންގެ އިޖުތިމާއީ ކުރިއެރުމަށް އެޅޭ ހުރަސްތަކުގެ ބޮޑު ބައެއް ރަނގަޅު ކުރެވިދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް އެލްޖީއޭ އިން ބުންޏެވެ.
މިހާރު އޮތް ގާނޫނުގެ ދަށުން އާ ކައުންސިލްތައް އިންތިޚާބު ކުރެވިއްޖެނަމަ ފޫނުބެއްދޭ ވަރުގެ އިޖުތިމާއީ އަދި އިގްތިސޯދީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށް އެލްޖީއޭ އިން ބުންޏެވެ.
އެލްޖީއޭ އިން ބުނީ ކައުންސިލަރުންނާއި ކައުންސިލްތައް ޒިންމާދާރު ކުރެވޭނެ ނިޒާމެއް ގާއިމްނުކުރެވި ދައުކަތުގެ ފައިސާ އާއި ވަސީލަތްތައް ކައުންސިލްތަކާ ހަމައަށް ދިޔުމުން ނިކުންނާނެ ނަތީޖާ ތިން އަހަރުގެ ތަޖުރިބާއިން ފާހަގަކުރެވިފައިވާ ކަމަށެވެ.
ކުރިއަށް އޮތް ތިން އަހަރުގެ ދައުރަށް ކައުންސިލަރުންގެ މުސާރައަށް އެކަނި ވެސް އެތަށް މިލިއަން ރުފިޔާއެއް ހޭދަވެގެންދާއިރު، ގާނޫނަށް އިސްލާހު ގެނެވިއްޖެނަމަ އެ ފައިސާގެ ތެރެއިން ގިނަ މިންވަރެއް ސަލާމަތްކުރެވި ކައުންސިލްތަކުގެ ދާއިރާގައި މުޅިން ބިނާކުރަނިވި ހޭދަތަކެއް ކުރުމަށް އެފައިސާ ބޭނުން ކުރެވިދާނެ ކަމަށް ވެސް އެލްޖީއޭ އިން ބުންޏެވެ.