އެމްބީއޭ ޗެމްޕިއަންޝިޕްގައި ރޭ ފަސޭހަކަމާއެކު ޔޫތު ސްޕޯޓްސް ކްލަބު 55 ޕޮއިންޓުގެ ތަފާތުން ބަލިކޮށް ހަރިކޭން ބާސްކެޓްބޯލް ކްލަބު ގުރޫޕު އެކެއްގެ އެވަނައިގައި އޮތް އީގަލްސްއާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފި އެވެ.

ބުދަދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގައި ކުޅުނު މެޗު ހަރިކޭންއިން ކާމިޔާބުކުރީ 118-63 ޕޮއިންޓުންނެވެ. އެ ނަތީޖާއާއެކު ޖުމުލަ ނުވަ ޕޮއިންޓު ހޯދައިގެން އެ ގްރޫޕުގެ އެއްވަނައިގައި 10 ޕޮއިންޓާއެކު އޮތް އީގަލްސްއާ ޕޮއިންޓަކަށް ގާތަށް ޖެހިލިއިރު ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުވާނީ އީގަލްސްއާ ހަރިކޭން ވާދަކުރާ މެޗުގެ ނަތީޖާއިންނެވެ.

ހަރިކޭން އާއި ޔޫތު ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ މެޗުގައި ހަރިކޭންއަށް 16 ޕޮއިންޓް ހޯދައިދިން އިމްރާން އަހްމަދު އެވެ.

ހަރިކޭންއަތުން ބަލިވެ ހަ ޕޮއިންޓާއެކު އެ ގްރޫޕުގެ ތިންވަނައިގައި ޔޫތު އޮތްއިރު ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ ފުލުގައި އޮތީ ޔޫއެން ފްރެންޑްސް އެވެ.

ބުދަ ދުވަހު ހަވީރު ގްރޫޕް އެކެއްގެ ޔޫއެން ފްރެންޑްސް އަތުން އީގަލްސް މޮޅުވީ، 91-57 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދީ އީގަލްސް އަށް 19 ޕޮއިންޓް ހޯދައިދިން ހުސައިން ހަލީމް އެވެ.

މި މުބާރާތުގައި މިއަދު ހަވީރު 4:00ގައި ކުޅޭ މެޗުގައި ވާދަކުރާނީ 11 ޕޮއިންޓާއެކު ގްރޫޕު ދޭއްގެ ދެވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބާއި 9 ޕޮއިންޓާއެކު ތިންވަނައިގައި އޮތް ބީޖީ ސްޕޯޓްސް އެވެ. އަދި މިރޭ 8:30ގައި ކުޅޭ މެޗުގައި ވާދަކުރާނީ 12 ޕޮއިންޓާއެކު ގްރޫޕު ދޭއްގެ އެއްވަނައިގައި އޮތް ރެޑްލައިން ކްލަބާއި 9 ޕޮއިންޓާއެކު އެ ގްރޫޕުގެ ހަތަރު ވަނައިގައި އޮތް އެލްކިއު ސްޕޯޓްސް އެވެ.