ތަފާތު ދާއިރާތަކުގެ ފޮތްތައް އަގު ހެޔޮކޮށް ވިއްކަމުން އަންނަ ފްލޯޓިން ބުކް ފެއާ ބޯޓް، "ލޯގޮސް ހޯޕް" މާލޭ ބަނދަރުގައި ފޮތް ވިއްކަން ފަށައިފި އެވެ.

ލޯގޮސް ހޯޕްއަކީ ފެންމަތީ އޮންނަ އެންމެ ބޮޑު ފޮތް މައުރަޒާއެކު ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރާ ބޯޓެވެ. ލޯގޮސް ހޯޕް ރާއްޖެ އައީ އިއްޔެ އެވެ. ގިނަ ދާއިރާތަކެއްގެ ފޮތްތަކެއް އެ ބޯޓްގައި ލިބެން ހުރި އިރު އެ ބޯޓުން ފޮތް ވިއްކަނީ ޔުނިޓުންނެވެ. އެގޮތުން 100 ޔުނިޓަކީ 50 ރުފިޔާ ކަމަށް ބޯޓުން މައުލޫމާތު ދިނެވެ.

ސަންގެ ނޫސްވެރިން އެ ބޯޓަށް މިއަދު ދިޔަ އިރު ގިނަ އަދަދެއްގެ ދިވެހިން ވިޔަފާރިކުރަމުން ދިޔައެވެ. ފަސޭހައިން ވިޔަފާރި ކުރެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ އެބޯޓްގައި ދިވެހިންނަށް ހުޅުވާލާފައިވާ ގިނަ ސެކްޝަންތަކުގައި ހުރީ ކުޑިކުދިންނާ ގުޅޭ ފޮތްތަކެވެ. އޭގެ އިތުރުން ކެއްކުމާއި ސިއްހީ ދުޅަހެޔޮކަމާ ބެހޭ ފޮތްތައް ވެސް ހުއްޓެވެ.

ބޯޓުން ގަންނަ ތަކެތި މާލެއަށް ބޭލުމުގެ ކުރިން ފާސްކުރުމަށް ޓަކައި ކަސްޓަމްސްގެ ދެ އޮފިސަރުން ވެސް ބޯޓްގައި ތިއްބެވެ.

ލޯގޯސް ހޯޕް އޮޕަރޭޓްކުރާ ޖަރުމަނުގެ ގޫޑް ބުކްސް ފޮރ އޯލް (ޖީބީއޭ ޝިޕްސް)ގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން އެ ޖަމާއަތުގެ ބޯޓެއް 1973 ވަނަ އަހަރު ވެސް ރާއްޖެއަ އެވެ. އެ ވެބްސައިޓްގައި މި ފަހަރުގެ ޒިޔާރަތާ ބެހޭ ގޮތުން ބުނެފައި ވަނީ އެ ބޯޓް މާލެ އައުމުން ބޭއްވި އޮފިޝަލް ރިސެޕްޝަންގައި 83 މެހުމާނުން ބައިވެރިވި ކަމަށާއި ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ކަމަށެވެ.