19 Dec 2013, 14:11
ވަޒީފާ އަދާނުކުރާ ޒުވާނުންގެ ދަފްތަރަށް މާލޭން ލިބޭ ތަރުހީބު ކުޑަ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މިދިޔަ ހޯމަ ދުވަހައާ ހަމަށް މުޅި ރާއްޖޭން 4،384 ޒުވާނުން ދަފްތަރުގައި ޖެހިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އަތޮޅު ތަކުން 3،791 ޒުވާނަކު ދަފްތަރުގައި ޖެހިފައިވާއިރު މާލެއިން ދަފްތަރުގައި ޖެހިފައިވަނީ 593 ޒުވާނުންނެވެ.
ޔޫތު މިނިސްޓްރީން ބުނީ މާލޭން ލިބޭ ތަރުހީބު އަތޮޅުތަކަށްވުރެ ކުޑަ ކަމަށާއި މާލޭގެ އެކިގެތަކަށާއި ސަރަހައްދުތަކުގައި ވޮލަންޓިއަރުން ބޭނުންކޮށްގެން ޒުވާނުންގެ ދަފްތަރު އެކުލަވާލަން ނިކުންނަން ނިންމާފައިވާ ކަމަށެވެ. އަދި ފުރަތަމަ ހުރިހާ އޮފީސްތަކުން ފޯމު ފުރޭނެ ކަމަށް އެންގި ނަމަވެސް މާލެއިން މާބޮޑު ތަރުހީބެއް އެކަމަށް ނުލިބުނު ކަމަށާއި އދި އަތޮޅުތަކުން ވެސް ފުރަތަމަ އިއުލާންކޮށްގެން މާބޮޑު ތަރުހީބެއް ނުލިބުނު ކަމަށް ނޭޝަނަލް ކެރިއާ ގައިޑެންސް ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި އެސިސްޓެންޓް ޑިރެކްޓާ މަރިޔަމް ސާދާ ވިދާޅުވި އެވެ. އެގޮތުން ރަށް ރަށުން ވެސް ގޭގެއަށް ގޮސްގެން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބުދުﷲ ރިފާއު ވިދާޅުވީ ވަޒީފާތައް ހުސްކުރެވިދާނެ ކަމަށާއި ނަމަވެސް އެ ވަޒީފާތަކަށް ދާނެ ޒުވާނުންތަކެއް ތިބިކަން ޔަގީން ކުރަން ޖެހޭ ކަމަށެވެ. އަދި ވިޔަފާރިއަކަށް ހުރަސް އެޅޭ ގޮތަށް ކަމެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވިޔަފާރިތަކެއް އަޅުގަނޑުމެންނަށް ހުއްޓުވައެއް ނުލެވޭނެ. މިސާލަކަށް ރައްޖޭގެ ގަވާއިދު ތަނެއްނުދޭނެ އެއްވެސްތަނެއްގައި ބޭރުމީހަކު ކޭޝިއަރަކަށް މަސައްކަތްކުރާކަށް. އެހެންނަމަވެސް މާލެތެރެ ބަލައިލި ނަމަވެސް 90 ޕަސެންޓް ފެންނާނީ ބޭރުމީހުން،" ރިފާއު ވިދާޅުވި އެވެ.
ރިފާއު ވިދާޅުވީ ވަޒީފާއެއްނެތޭ ނުވަތަ ނުލިބޭނެއޭ ހިތަށް އެރުވުމުގެ ބަދަލުގައި ކުރިއަށް ނުކުމެ، ޒުވާނުން މިހާރަށްވުރެ ޒިންމާދާރުވާންޖެހޭ ކަމަށެވެ.
"މިސާލަކަށް ރިސޯޓެއްގެ ރޫމް ބޯއީ އަކަށް އުޅޭ ބިދޭސީ މީހާ ފޮނުވާލާއިރު، އެ މަސައްކަތް ކުރާނެ ދިވެއްސެއް ހޯދަންޖެހޭ. ހަފްތާއެއް ކޮށްލާފައި އީދު ޗުއްޓީ އައިސްގެން ކުއްލިއަކަށް ފުރައިގެން ރަށަށްދާނެ ޒުވާނަކަށް ވެއްޖެ ކަމަށްވާނަމަ ވިޔަފާރިއަށް ވެސް ބޮޑު ގެއްލުމެއް އެވަނީ،" ރިފާއު ވިދާޅުވި އެވެ.
ސާދާ ވިދާޅުވީ އަމާޒަކީ މުޅި ރާއްޖޭގައި ވަޒީފާބޭނުންވާ ޒުވާނުންގެ ދަފްތަރެއް އެކުލަވާލުން ކަމަށާއި އަދި އަމާޒަކީ މި މަސް ނިމިގެންދާއިރު ވަޒީފާ ބޭނުންވެފައިތިބޭ ހުރިހާ ކުދިން ރަޖިސްޓްރީވެފައިތިބުން ކަމަށެވެ. އަދި މަސް ނިމޭއިރު ރަޖިސްޓްރީ ވެފައި ނެތް ޒުވާނުންނަކީ ވަޒީފާ ބޭނުންނެތިގެން ރަޖިސްޓްރީވެފައިނުވާ ޒުވާނުން ކަމަށެވެ. އަދި މިއަހަރު ރަޖިސްޓްރީކުރާ ހުރިހާ ކުދިންނަށް 2014 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާގެ ފުރުސަތު ހޯދައިދިނުން އެއީ އަމާޒެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
ޔޫތު މިނިސްޓްރީން ބުނީ ވަޒީފާ ބޭނުންވާ ޒުވަނުންގެ ދަފްތަރު އެކުލަވާލުމަށްފަހު ވަޒީފާ ހޯދައިދިނުމުގެ ޕްރޮސެސްކުރިއަށްދާނެ ކަމަށެވެ.
އޭގެ ފަހުން ވެސް އޮންލައިންކޮށް ވެސް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.