19 Dec 2013, 13:59
މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް އަމިއްލަ ރަށުގައި އާއިލާ ކައިރީ ތިބެގެން އުނގެނެވޭނޭ ފުރުސަތެއް، "ވާޗުއަލް ކެމްޕަސް"ގެ ނަމުގައި މަންދު ކޮލެޖުން މިއަދު ތައާރަފުކޮށްފި އެވެ.
ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްއާ ގުޅިގެން މަންދު ކޮލެޖުން ރާއްޖޭގައި މުޅިން އަލަށް ތައާރަފް ކުރި ހިދުމަތުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު މަންދު ކޮލެޖުގެ އޮޑިޓޯރިއަމްގަ އެވެ. އެ އެއްބަސް ވުމުގައި މަންދު ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ކައުންސިލްގެ ޗެއާމަން އިބްރާހީމް އިސްމާޢީލް (އިބްރާ) އެވެ. އަދި ވަތަނިއްޔާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ކޮމާޝަލް ޑައިރެކްޓަރު ސްރިނިވަސަން ޕަރްތަސަރަތު އެވެ.
ވަތަނިއްޔާގެ އިޖްތިމާއީ ހިދުމަތުގެ ދަށުން މަންދު ކޮލެޖާއެކު ވެވުނު އެ އެއްބަސް ވުމުގެ ދަށުން މަންދު ކޮލެޖުގެ "ވާޗުއަލް ކެމްޕަސް" ކުރިއަށް ގެންދާނީ، ވަތަނިއްޔާގެ "ތްރީޖީ" ހިދުމަތް ބޭނުންކޮށްގެންނެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިބްރާ ވިދާޅުވީ، މަންދު ކޮލެޖުން މިއަދު އަލަށް ތައާރަފް ކުރި ހިދުމަތަކީ ގިނަ ދުވަސްތަކެއްގެ މަސަކަތަށްފަހު އެ ކޮލެޖުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ގެނައި ވަރުގަދަ އިންގިލާބެއް ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތުގެ ރިސާޗު ފެށީ 2005ގައި. އަދި މަޝްރޫއު އެއްކޮށް ނިންމައިލެވުނީ 2012ގައި. އަދި މި ހިދުމަތް ދަރިވަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ދިމާވި އެންމެހައި ދަތިތައް ފިލުވައިލެވުނީ ވަތަނިއްޔާއިން އަޅުގަނޑުމެންނަށް އެ ފުރުސަތު ތަނަވަސްކޮށް ދިނުމުން،" އިބުރާ ވިދާޅުވި އެވެ. "މިހާރު މި ވަނީ މަންދު ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު އެކަމަށް ބޭނުންވާ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ހުޅުވިފައި. މިއީ ރާއްޖޭގައި މަތީ ތައުލީމަށް ގެނެވުނު ވަރުގަދަ އިންގިލާބެއް،"
އިބުރާ ވިދާޅުވީ އަލަށް ހުޅުވައިލެވުނު ފުރުސަތާއެކު މަންދު ކޮލެޖުގެ ވާޗުއަލް ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް އެ ކޮލެޖުގައި މިހާރު ވެސް ކިޔަވާ ދަރިވަރުންނަށް ފޯރުކޮށްދޭ ހުރިހައި ހިދުމަތެއް ހަމަހަމަ ގޮތުގައި ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ކޯސްތަކުން ނަގާ ފީއަށް ވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
"މި ހިދުމަތަށް ބޭނުން މި ވަނީ، ކޮމްޕިއުޓަރަކާއި، ވެބްކެމް އަކާއި، ވަތަނިއްޔާ މޯޑެމްއަކާއި އަދި ހެޑްސެޓެއް. ދެން އަޅުގަނޑުމެންގެ މި ވާޗުއަލް ކެމްޕަސް ސޮފްޓްވެއާ ބޭނުން ކޮށްގެން ދަރިވަރުންނަށް ކްލާސްތަކުގައި ބައިވެރިވެވޭނެ. ލެކްޗަރާ ސެޝަން ނަގައިދޭ ގަޑީގައި ސޮފްޓްވެއާގެ އެހީގައި ވީޑިއޯ ފެންނާނެ. އަދި ދެފަރާތުގެ މެދުގައި ވީޑިއޯގެ ޒަރީއާއިން މުއާމަލާތު ކުރެވޭނެ. ކޮމްޕިއުޓަރު ފިޔަވައި އެހެން ތަކެތި އަޅުގަނޑުމެން ހިލޭ ފޯރުކޮށްދޭނަން،" އިބުރާ ވިދާޅުވި އެވެ.
ވަތަނިއްޔާގެ ހެޑް އޮފް ޑާޓާ/ ވެލިއު އެޑެޑް ސާވިސަސް، ގުލްނާޒު މާހިރު ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަ ތްރީޖީގެ ހިދުމަތްދޭން ފެށި ކުންފުންޏަށް މިފަދަ ފުރުސަތެއް ލިބުމަކީ ވަރަށްބޮޑަށް ފަހުރުވެރިވާ ކަމެއް ކަމަށާއި އަދި އެ ކުންފުނިން މުޅިން އަލަށް ތަޖުރިބާކުރާ މިހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.
"މަންދު ކޮލެޖާ ގުޅިގެން އަޅުގަނޑުމެން މި ހިދުމަތް މި ދެނީ، ވާޗްއަލް ޕްރައިވެޓް ނެޓްވޯކެއްގެ އެހީގައި. އަޅުގަނޑުމެން ޔަގީންކަން ދެއް، ދަރިވަރުން ސެޝަންތަކުގައި ބައިވެރިވަމުންދާ ވަގުތުތަކުގައި ސެޝަން ބްރޭކްވެ ހިދުމަތް މެދުކެނޑިގެން ނުދާނޭކަން،" ގުލްނާޒު ވިދާޅުވި އެވެ.
މަންދު ކޮލެޖާއި ވަތަނިއްޔާ ގުޅިގެން އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ފެށި ވާޗުއަލް ކެމްޕަހުގައި މަތީތައުލީމަށް ކިޔެވުމުގެ ފުރުސަތު މިއަދު ހުޅުވައިލިއިރު އެ ކޮލެޖުން ބުނީ، ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާ ކަމަށެވެ.