19 Dec 2013, 13:56
މެކް ޕްރޯ ޑެސްކްޓޮޕް ކޮމްޕިއުޓަރުގެ އޯޑަރު ނަގަން އެޕަލް އިން މިއަދު ފަށައިފި އެވެ.
ގްރެފިކްސް މަސައްކަތާ ފިލްމު ހެދުމުގެ މަސައްކަތް ކުރާ ގިނަ މީހުންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ މެކް ޕްރޯ ކޮމްޕިއުޓަރުގެ ސައިޒު ވަނީ މިފަހަރު ވަރަށް ބޮޑަށް ކުޑަވެފައެވެ. މީގެ ކުރީ މޮޑަލްތަކާ ހިލާފަށް ވަށްކޮށް ހަދާފައިވާ މެކް ޕްރޯގެ އުސްމިނުގައި ހުންނަނީ އެންމެ 10 އިންޗިއެވެ.
މެކް ޕްރޯގައި 3.7 ގިގަހާޓްޒްގެ ކުއަޑްކޯ އިންޓެލް ޒިއޯން އީ5 ޕްރޮސެސަރެއް ހުރެއެވެ. އަދި ދެ އޭއެމްޑީ ފަޔަރޕްރޯ ޑީ500 ވަރކްސްޓޭޝަން ޖީޕީޔޫ އާއި، ކޮންމެ ޔުނިޓަކަށް 2 ޖީބީގެ ޑެޑިކޭޓަޑް ރެމް އާއި، 12 ޖީބީގެ ސިސްޓަމް ރެމް އާއި، 256 ފްލޭޝް ސްޓޯރޭޖް މޮޑިއުލެއް ހުރެއެވެ.
ޕްރޮސެސަރުގެ ސްޕީޑް އަވަސްކޮށް، މެމޮރީ ގިނަކޮށް، އެހެނިހެން ކަސްޓަމައިޒޭޝަން ތަކާ އެކުވެސް އޯޑަރ ކުރެވޭ މެކް ޕްރޯ، ގަންނަން ލިބޭ އަގަކީ 2999 ޑޮލަރު ކަމުގައި ވިއަސް އިތުރު ސްޕެސިފިކޭޝަން ތަކާއެކު ބޭނުން ކަމުގައި ވާނަމަ މި ކޮމްޕިއުޓަރ ގެ އަގު 3999 ޑޮލަރަށްވެސް އަރައިގެން ހިގައިދާނެ އެވެ.
ކަޅުކުލައިގައި ވަށް ސިލިންޑަރެއް ހެން ހުންނަ މެކް ޕްރޯގެ މި އާ ވާޝަން އުފައްދާފައި ވަނީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްގެ އޮސްޓިންގައެވެ.
އެޕަލްގެ ރީޓެއިލް ފިހާރަތަކުން އަދި މެކް ޕްރޯ ވިއްކާކަށް ނުފަށައެވެ. އޯޑަރު ކުރަން ޖެހޭނީ އޮންލައިން ކޮށެވެ.