ޗިލީގެ ވެރިރަށް ސެންޓިޔާގޯގެ ޖަލެއްގައި ހިނގި އަލިފާނުގެ ޙާދިޘާއެއްގައި 81 މީހުން މަރުވެ ވިއްސަކަށް މީހުން ޒަޚަމްވެއްޖެއެވެ.


އަލިފާނުގެ ޙާދިސާހިނގި ސެންޓިޔާގޯ ސާން މީގަލް ޖަލަކީ އެއްހާސް މީހުންނަށްވުރެވެސް މަދު މީހުންގެ ޖާގައިގެ ކުޑަ ޖަލެއްކަމަށްވިޔަސް މިޖަލުގައި ވަރަށް ދަތި ޙާލަތުގައި ދެހާހެއްހާ މީހުން ތިބިކަމަށް ޚަބަރުތައް ބުނެއެވެ. ޗިލީއަށް މިދިޔަ އަހަރު އައި ބާރުގަދަ ބިންހެލުމުގައި އެޤައުމުގެ ވަރަށްގިނަ ޖަލުތައްވަނީ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައެވެ.  ޗިލީގެ ޖަލުތައް މިހާރު ފުރިބާރުވެފައިވުމުގެ ސަބަބުން ޖަލުމީހުންގެ ސިއްޙަތަށާއި އެމީހުންނަށް ބޭނުންވާ  އިންސާނީ އަސާސީ ޚިދްމަތްތައް ރަނގަޅަށް ފޯރުކޮށް ނުދެވޭ ކަމަށް އެޤައުމުން ބުނެއެވެ.


އިއްޔެގެ އަލިފާނުގެ ޙާދިސާގައި ޒަޚަމްވި މީހުންގެ ތެރޭން ސާދަ މީހަކު ވަރަށް ބޮޑަށް ފިހފައިވާކަން ޗިލީގެ ސިއްހަތާބެހޭ ވަޒީރު ޖިމް މެނަލިޗް ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ މި ސާދަމީހުންގެ ޙާލަތުވަނީ ފުރާނައަށް ނުރައްކާވާ ހިސާބުގައި ކަމުގައެވެ. ސާން މީގަލް ޖަލުގައި އަލިފާނުގެ ޙާދިޘާ ހިނގީ ޖަލުމީހުންގެ މެދުގައި ޒުވާބުތަކެއް ހިނގައި އަރާރުންތަކެއް އުފެދުމާގުޅިގެން ކަމަށް ސެންޓިޔާގޯގެ ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ -- ޖަވާދު