ހުޅުލޭ ފެރީގެ ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދާ ސަރަހައްދުގައި، އުޅަނދުފަހަރު ގާތްކުރުމަށް ޚާއްސަ ކުރެވިފައިވާ ގިމަތަތަކުގައި ހިޔާވެވޭނެ ވަސީލަތެއް، އަވަސް މުއްދަތެއްގެ ތެރޭގައި ގާއިމްކުރުމަށް ރައީސް އޮފީހުން ސަރުކާރުގެ ކަމާބެހޭ އޮފީސްތަކަށް އަންގައިފި އެވެ.

ރައީސް އޮފީހުން ބުނީ އެގޮތަށް އަންގާފައި ވަނީ އެ ސަރަހައްދުގައި ފެރީން ދަތުރުކުރާ ފަރާތްތަކުން އަރައި ފޭބުމަށްޓަކައި ޚާއްސަކޮށްފައިވާ ގިމަތަތަކުގައި، އަތްވާއި ވާރެއިން ހިޔާވާނެ އެކަށީގެންވާ ވަސީލަތެއް ގާއިމުކުރެވިފައި ނެތުމުގެ ސަބަބުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރެއްވޭތީ ކަމަށެވެ.

އެ ސަރަހައްދަކީ ކޮންމެ ދުވަހަކު އެތައްސަތޭކަ ބަޔަކު ބޭނުންކުރަމުންދާ ސަރަހައްދަކަށްވެފައި، ޚާއްސަކޮށް، ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން އެއާޕޯޓަށް ދިޔުމަށްޓަކައި ބޭނުންކުރާ ސަރަހައްދު ކަމަށްވާތީ، މިފަދަ މުހިންމު ޚިދުމަތެއްދޭ ތަނެއްގައި، ހިޔާވެވޭނެ އެކަށީގެންވާ ވަސީލަތެއް ނެތުމުގެ ސަބަބުން، ދަތުރުކުރާ ފަރާތްތަކުގެ ފޮށިތަންމައްޗާއި މުދަލަށް، ބައެއް ހާލަތްތަކުގައި ބޮޑެތި ގެއްލުންތައް ލިބެމުންދާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.