19 Dec 2013, 11:03
ދެކުނު ސޫދާނުގެ އަސްކަރިއްޔާގެ ތެރޭގައި ފެށުނު ހަމަނުޖެހުންތައް ވެރިރަށް ޖޫބާގެ އިތުރުން ގައުމުގެ އެހެން ސަރަހައްދުތަކަށް މަޑުމަޑުން ފެތުރެމުންދާ ކަމަށާއި، ކުރިމަތިލުންތައް ދާޚިލީ ހަނގުރާމައަކަށް ބަދަލު ވުމުގެ މިސްރާބު ހިފައިފައި ވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދެކުނު ސޫދާނުގެ އަސްކަރިއްޔާގެ ތެރޭގައި ސިޔާސީ ގޮތުން ބައިބައިވުން އުފެދި، ސިފައިން ވަނީ ދެ ބަޔަކަށް ބެހިފައެވެ. މި ހަފުތާގެ އާދީއްތަ ދުވަހު ފެށުނު ކުރިމަތިލުންތައް އަދި ހިނގަމުން ދަނީ ސިފައިންގެ މި ދެ ބައިގެ ދެމެދުގައެވެ. ނަމަވެސް ކުރިމަތިލުންތައް މަދަނީންގެ ތެރެއަށް ވެސް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ކުރިމަތި ވެފައެވެ.
ސޫދާނުގައި ސިޔާސީ ފިނިހޫނުމިން މައްޗަށް ދާން ފެށީ ގައުމުގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ރެއިކް މޭކަރ މަގާމުން ވަކި ކުރައްވާން، ރައީސް ސަލްވާ ކީރް ނިންމެވި ހިސާބުން ފެށިގެންނެވެ. ނާއިބު ރައީސްކަމުގެ މަގާމުން ވަކި ކުރެވުމުން، މޭކަރ ވަނީ ރައީސް ކީރް ޚުދުމުޚުތާރު ވެރިކަމެއް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައި، ލަސްތަކެއް ނުވެ ރައީސްކަމުގެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
މިހާރު ފެށިފައި ވާ ހަމަނުޖެހުންތަކުގައި ސިފައިންގެ އެއް ޖަމާއަތުގެ މީހުން ރައީސް ކީރަށް ވަފާތެރިކޮށް ތިބި އިރު، ދެވަނަ ޖަމާއަތުގެ މީހުންގެ ތާއީދު އޮތް ކަމަސް ވަނީ މަގާމުން ދުރު ކުރެވުނު ނާއިބު ރައީސް ރެއިކް މޭކަރއަށެވެ.
އަލްޖަޒީރާގެ މުރާސިލުން ޚަބަރު ދޭ ގޮތުގައި ވެރިރަށް ޖޫބާގެ އިން ފަހަނައަޅައި، ޖޮންގްލެއި ސްޓޭޓަށް ވެސް ހަނގުރާމަވެރި ކުރިމަތިލުންތަކުގެ ހުޅުގަނޑު ވަނީ ފެތުރިފައެވެ.
ދެކުނު ސޫދާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް ފިލިޕް އެގުއަރ މިއަދު ރޮއިޓަރޒް ނޫސް އޭޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ ސަރުކާރަށް ވަފާތެރި ސިފައިންގެ ބާރުގެ ދަށުން ޖޮންގްލެއި ސްޓޭޓުގެ ވެރިރަށް ބޯރ ގެއްލިފައި ވާ ކަމަށެވެ. އެ ޝަހަރުގައި ރައީސް ކީރަށް ވަފާތެރި ސިފައިންނާއި، އިދިކޮޅު ސިފައިންގެ ޖަމާއަތްތަކާ ދެމެދު ވަރުގަދައަށް ކުރިމަތިލުންތައް ހިނގި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންޓަރނޭޝަނަލް ކްރައިސިސް ގްރޫޕުގެ ފަރާތުން ދެކުނު ސޫދާނުގައި ހުންނަވާ މުޙައްލިލް ކެސީ ކޯޕްލަންޑް އަލްޖަޒީރާއަށް މައުލޫމާތު ދެއްވި ގޮތުގައި ސިފައިންގެ އިސް އެތައް އޮފިސަރުންނެއް ދަނީ ސަރުކާރާ ދެކޮޅު ޖަމާއަތާ ގުޅެމުންނެވެ. "ހަމަނުޖެހުންތައް ޖޫބާގެ ސަރަހައްދު ފަހަނައަޅައި ފެތުރެމުން މި ދަނީ. ސްޓޭޓުތަކަށް މި އަލިފާން ފެތުރިގެން ދިޔުމަކީ ވަރަށް ބިރު ހުރި ކަމެއް. މިހެން ވާނަމަ، މައްސަލަ ހައްލު ކޮށް ސުލްހަވެރި ހައްލަކަށް ދާން އޮންނަ ފުރުސަތު ވަރަށް ހަނި ވާނެ." އޭނާ އިތުރަށް ވިދާޅުވިއެވެ.
އާދީއްތަ ދުވަހު، ސިފައިންގެ ދެ ޖަމާއަތުގެ ދެމެދުގައި ކުރިމަތިލުންތައް ފެށުމުގެ އިރުކޮޅެއް ފަހުން، ރައީސް ކީރު އިއުލާން ކުރެއްވި ގޮތުގައި، އޭނާގެ ސަރުކާރު ވައްޓައިލާން ބަޣާވާތެއް ގެންނާން ރޭވުނު ރޭވުންތައް ވަނީ ނާކާމިޔާބު ކޮށްލެވިފައެވެ. އެ ބަޣާވާތުގެ ފަހަތުގައި ހުންނެވި ކަމަށް ސަރުކާރުން ތުހުމަތު ކުރާ ބޭފުޅަކީ ދުރު ކުރެވުނު ނާއިބު ރައީސް މޭކަރއެވެ.
އިއްޔެ ދެއްވި ބަސްދީގަތުމެއްގައި ރައީސް ކީރް ވިދާޅުވެފައި ވަނީ އޭނާގެ ކުރީގެ ނާއިބާ އެކު ސުލްހައިގެ ވާހަކަތަކުގެ މޭޒުދޮށުގައި އިށީންނެވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. "އެކަމަކު އެގޮތުން ބާއްވާ ވާހަކަދެއްކުންތަކެއްގެ ނަތީޖާއާ މެދު އެއްޗެއް ދަންނަވާކަށް ނޭނގެ." ކީރް ވިދާޅުވިއެވެ.
ރައީސް ކީރްގެ ބަސްދީގަތުމަށް ފަހު، މޭކަރ އިއްޔެ ވިދާޅުވީ ސަރުކާރާ ދެކޮޅު ބަޣާވާތެއްގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ބަޣާވާތޭ ވިދާޅުވެގެން ރައީސް ކީރް ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ ދޮގު ތުހުމަތުތަކެއް ފެންމަތި ކޮށް، ސިޔާސީ ގޮތުން ފައިދާތަކެއް ހާސިލު ކޮށް، ސިޔާސީ އިދިކޮޅު ފަރާތްތައް ބަލިކަށި ކޮށް ނިކަމެތި ކޮށްލެއްވުމަށް ޓަކައި ދައްކަވާ ވާހަކަތަކެކެވެ.
ގައުމުގައި އުފެދިފައި ވާ ހަމަނުޖެހުންތައް ފެއްޓީ ރައީސް ކީރް އަމިއްލަފުޅަށް އުފައްދަވައިގެން އުޅުއްވާ ރިޔާސީ ގާޑުގެ އޮފިސަރުން ކަމަށާއި، އެ މީހުންނަކީ އަސްކަރިއްޔާގެ ހެދުމުގައި ތިއްބަސް އަސްކަރިއްޔާއަށް ޖަވާބުދާރީ ނުވާ، ސީދާ ރައީސަށް ރިޕޯޓު ކުރާ ބައެއް ކަމަށް ވެސް މޭކަރ ވިދާޅުވިއެވެ.
ބަޣާވާތުގެ ތުހުމަތަށް ފަހު، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މަދުވެގެން ދިހަ ބޭފުޅަކު ހައްޔަރު ކުރެވިފައި ވާ ކަން ސަރުކާރުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އޭގެ ތެރޭގައި ކެބިނެޓުގެ ހަ ވަޒީރަކު ވެސް ހިމެނިވަޑައިގަނެއެވެ.
ނާއިބު ރައީސް މަގާމުން ވަކި ކުރެއްވުމުގެ ކުރީން ކީރް ވިދާޅުވެފައި ވަނީ އޭނާގެ ސިޔާސީ ވާދަވެރީން "1990 އިގެ އަހަރުތަކުގެ ކުރިމަތިލުންތައް އަލުން އިޔާދަ ކުރާން މަސައްކަތް ކުރަމުން ގެންދާ" ކަމަށެވެ.
އެ ގަބީލާއަކަށް މޭކަރ ނިސްބަތް ވެވަޑައިގަންނަވާ ނުއަރ ގަބީލާގެ މީހުން ވަނީ، އެމީހުންނަށް ބާރު އޮންނަ ޖޮންގްލެއި ސްޓޭޓުގެ ބޯރ ޝަހަރުގައި، 1991 ވަނަ އަހަރު، ޑިންކާ ގަބީލާގެ އެތައް ސަތޭކަ ބަޔަކު މަރައި، އަނިޔާވެރި ގަތުލުއާއްމެއް ހިންގައިފައެވެ. ޑިންކާ ގަބީލާ އަކީ ރައީސް ކީރްގެ އާއިލާ ނިސްބަތް ވާ ގަބީލާއެވެ.
އިއްޔެއިން ފެށިގެން ކުރިމަތިލުންތައް ވަރުގަދަ ވެ ފެތުރެމުން ދާ އިރު، އަލިފުދާލުގެ އޮފިޝަލުން އިއްޔެ ބުނެފައި ވަނީ އާދީއްތަ ދުވަހުން ފެށިގެން މިހައިތަނަށް، ކުރިމަތިލުންތަކުގައި 500 ވަރަކަށް މީހުން މަރައިލެވިފައި ވާ ކަމަށެވެ.
ވެރިރަށް ޖޫބާގައި އަލިފުދާލުން ހަދައިފައި ހުރި ރެފިއުޖީ ކޭންޕުތަކުން، ހަމަނުޖެހުންތައް ފެށުނު ފަހުން 20000 މީހުން ޖާގަ ހޯދައިފައި ވާ ކަމަށް އަލިފުދާލުގެ އޮފިޝަލުން ވިދާޅުވެއެވެ.
ދެކުނު ސޫދާނުގައި ހަމަނުޖެހުން އުފެދި، ގައުމު ދާޚިލީ ހަނގުރާމައަކާ ދިމާޔަށް މިސްރާބު ޖަހައިފައި ވާ އިރު، ވަރުގަދަ އިންސާނީ މުސީބާތެއް ލައިގެންފާނެ ކަމުގެ ބިރު ވެސް ވަނީ ބޮޑު ވެފައެވެ. "އަލިފުދާލުގެ އޮފިޝަލުން ވިދާޅުވަނީ ދެކުނު ސޫދާނުގައި ރެފިއުޖީންނަށް އެހީތެރިވުން ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމަށް. މިހާރުވެސް ރެފިއުޖީންނަށް ފުދޭ ވަރަށް ކާބޯތަކެއްޗާއި އެފަދަ އެހެނިހެން ތަކެއްޗެއް ނެތް." ނިއުޔޯރކުގައި ހުންނަ އަލިފުދާލުގެ މައި މަރުކަޒުގައި ހުންނަވާ އަލްޖަޒީރާގެ ޑިޕްލޮމެޓިކް އެޑިޓަރު ޖޭމްސް ބެއިޒް ވިދާޅުވިއެވެ.
އެފްރިކާގެ އެންމެ ފަގީރު އެއް ގައުމުގެ ގޮތުގައި އޮތް ދެކުނު ސޫދާނަކީ ދުނިޔޭގެ އެންމެ ހަނގު ގައުމެވެ. މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި 2011 ވަނަ އަހަރު ވުޖޫދަށް އައުމު ކުރީން އެ ގައުމަކީ ސޫދާނުގެ ބައެކެވެ. ކްރިސްޓިއަން ދައުލަތެއްގެ ގޮތުގައި ދެކުނު ސޫދާން ވަކި ކުރެވުނީ ދަހަތަކެއްގެ ދާޚިލީ ހަނގުރާމައަށް ފަހުގައެވެ. ދެކުނު ސޫދާން ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓެމުން ދާއިރު، މުހައްލިލުން ވިދާޅު ވަނީ ހާލަތުގެ ފައިދާ ނެގުމަށް ސޫދާނުން މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ސޫދާނާއި ދެކުނު ސޫދާނާ ދެމެދު އަދިވެސް ހައްލު ނުކުރެވޭ މައްސަލަތައް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ތެލުގެ ރިޒާވްތަކުގެ މިލްކުވެރިކަމުގެ މައްސަލަ އާއި ސަރަހައްދީ ރޮނގު ވަކި ކުރުމާ ބެހޭ މައްސަލަތަކާއި، އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައްސަލަތައް ހިމެނެއެވެ.