19 Dec 2013, 10:03
ޓްރާންސްޕޯޓް މިނިސްޓަރުކަމުން އަމީން އިބްރާހިމް ވަކިކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) ކައުންސިލަށް ހުށަހަޅަން އުޅުއްވި އެ ކައުންސިލް މެމްބަރު މޫސާ އަންވަރު މިނިސްޓަރު އަމީންއަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވައިފި އެވެ.
މޫސާ އަންވަރު ސަން އަށް ވިދާޅުވި ގޮތުގައި އަމީން އިބްރާހިމަކީ ޖުމްހޫރީ ޕާޓީއަށް ލިބިފައިވާ "ރަން ޖަވާހިރެއް" ކަމަށެވެ.
"އަމީން އިބްރާހިމް އަކީ ޖުމްހޫރީ ޕާޓީއަށް ރަނެއް ޖަވާހިރަކަށް ވެފައިމިވަނީ، އެހެން ކަމުން އަމީން އާއިމެދު މައްސަލައެއް ހުށަނާޅާނެ ވާހަކަ ދައްނަވަން" އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް އަމީން ވަޒީރު ކަމުން ވަކިކުރެއްވުމަށް ބޭނުން ވަނީ މިނިސްޓަރު ކަމުގައި ހުންނަވައިގެން ޕާޓީގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކޮށް އަމިއްލަ ފައިދާއަށް މަސައްކަތް ކުރައްވާތީ ކަމަށް މީގެ ކުރިން މޫސާ އަންވަރު ވަނީ ވިދާޅުވެފަ އެވެ. އަދި އަމީން ވަކި ކުރުމަށް އެޕާޓީގެ ކައުންސިލަށް ހުށައަޅާނެ ކަމަށް ވިދާޅުވެ ފަހުން މޫސަ ވިދާޅުވެފައިވަނީ އެއީ "މިސް އަންޑަސްޓޭންޑިންގ" އެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.
މޫސާ އަންވަރު ވިދާޅުވީ އެ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް އަކީ "ބައްޕަ ފަދަ ބޭފުޅެއް" ކަމަށާއި ޖުމްހޫރީ ޕާޓީއަކީ "އަހަރެންގެ ހިތް" ކަމަށެވެ. އެގޮތުން އަބަދު ވެސް އިސްކަންދޭނީ ޕާޓިގެ މައްސަލަހަތައް ކަމަށާއި "ކުރި ކަމެއް ކުރީ ވެސް، ނުކޮށް ދޫކޮށްލާނީ ވެސް އެ އުސޫލުން" ކަމަށެވެ.
ޖޭޕީގެ ސެކެޓުރީ ޖެނެރަލް ޝާހް ވިދާޅުވީ އަމީން އާއި ދޭތެރޭ ހިންހަމަނުޖެހޭ ވަރުގެ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށާއި އަމީނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
އެކަމާއި ގުޅިގެން މިނިސްޓަރު އަމީންގެ ބަހެއް ހޯދާލުމަށް ތަކުރާރުކޮށް ގުޅާލުމުން ވެސް ފޯނަށް ނުނަގާތީ އެބޭފުޅުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.