މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެމަސް ދުވަހަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ އެވެ.

ސިޓީއަށް މިސީޒަންގައި 19 ލަނޑު ޖަހައިދީފައިވާ އެ ކްލަބުގެ ލީޑިން ސްކޮރާއަށް އަނިޔާވީ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅެ 6-3 އިން ސިޓީ މޮޅުވި މެޗުގަ އެވެ.

އަގުއެރޯއަށް މި ލިބުނު އަނިޔާއާ ގުޅިގެން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބާސެލޯނާއާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގައި އޭނާއަށް ކުޅެވިދާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ސިޓީގެ އާޖެންޓީނާ ފޯވާޑަށް އަނިޔާވުމާގުޅިގެން ފުރަތަމަ އެ ޓީމުން ބުނެފައިވަނީ އޭނާ ހަތަރު ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ފަހުން އެ ކްލަބުގެ ކޯޗު މެނުއެލް ޕެލެގްރިނީ ބުނީ، 25 އަހަރުގެ ފޯވާޑު ދެ މަސްދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭކަމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށެވެ.

"ޑޮކްޓަރު ލަފާދީފައިވަނީ އަގުއެރޯ އެއް މަސްދުވަހަށް ނުވަތަ އަށް ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް،" އަންގާރަ ދުވަހު ލީގު ކަޕް ކުއާޓާ ފައިނަލްގައި ލެއިސެސްޓާ ސިޓީ އަތުން 3-1 އިން ސިޓީ މޮޅުވި މެޗަށް ފަހު ޕެލެގްރިނީ ބުންޏެވެ. "އަހަންނަކަށް ނޭނގެ އަސްލު ކިހާދުވަހެއް ކަމެއް. އެކަމަކު މަދުވެގެން އެއް މަސްދުވަސް ނަގާނެ. އަގުއެރޯ ރަނގަޅުވާން ކިހާދުވަހެއް ނަގާނެކަން ބުނަން މިވަގުތު އަދި ވަރަށް ދަތި."

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ގްރޫޕު ބީގެ ދެވަނަ ޓީމުގެ ގޮތުގައި ނޮކްއައުޓް ސްޓޭޖުން ޖާގަ ހޯދި ސިޓީއާއި އެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔަ ބާސެލޯނާ ބައްދަލުކުރާ ފުރަތަމަ ލެގު މެޗު ކުޅޭނީ 18 ފެބްރުއަރީގައި ސިޓީގެ ދަނޑުގަ އެވެ. އަދި ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ 12 މާޗުގައި ނޫކޭމްޕްގަ އެވެ.