އެފްރިކާގެ ގައުމުތަކުން އިޓަލީއަށް ހިޖުރަ ކުރާ މީހުންނާމެދު އިންތިހާ ދަރަޖައިގެ ލާއިންސާނީ ގޮތްގޮތަށް އިޓަލީގެ އޮފިޝަލުން އަމަލު ކުރާ މަންޒަރުތައް ފެންނަ ވީޑިއޯއެއް ލީކު ވެއްޖެ އެވެ.

ލީކު ވި ވީޑިއޯއިން ފެންނަނީ އެތައް ބަޔަކު އެއްކޮށް ބަރަހަނާ ކޮށް، ފިނި މޫސުމުގެ ގަދަ ފިނީގައި ގަނޑު ވާ ފަދަ ފިނިހޫނުމިނުގައި، ސަފަކަށް ބައިތިއްބައިގެން، ޕްރެޝަރުގައި ފެން ޖަހާ ހޮޅީން ފަހަރަކު މީހެއްގެ ގަޔަށް ޖަރާސީމު މަރާ ކެމިކަލް ޖަހާ މަންޒަރެވެ. މިކަން ކޮށްފައި ވަނީ ފިރިހެނުންނާއި އަންހެނުން ވެސް އެއް ޖަމާއަތެއްގައި ބައިތިއްބައިގެންނެވެ.

ވީޑިއޯގައި ފެންނަ ކަންތައްތައް ހިނގައިފައި ވަނީ އިޓަލީގެ ލެމްޕެޑޫސާގައި ހުންނަ ޖަލު ކޭންޕެއްގެ ތެރޭގަ އެވެ. ވީޑިއޯ ނަގައިފައި ވަނީ ލެމްޕެޑޫސާގައި ހުރި ސީރިއާގެ ރެފިއުޖީއެކެވެ. މޯބައިލް ފޯނަކުންނެވެ. އިޓަލީގެ ޓީވީ ޗެނަލަކަށް އެ ވީޑިއޯ ދިނުމަށް ފަހު، އެ ޗެނަލުގެ ނޫސްވެރީންނާ ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ ލެމްޕެޑޫސާގައި، ހިޖުރަ ކުރާ މީހުންނާ މެދު އަމަލު ކުރެވެނީ "ޖަނަވާރާ މެދު އަމަލު ކުރާ ބީދައިން" ކަމަށެވެ.

ލެމްޕެޑޫސާ އަކީ އުތުރު އެފްރިކާގެ ގައުމުތަކުން އިޓަލީ އާއި ޔޫރަޕުގެ އެހެން ގައުމުތަކަށް ދިޔުމަށް ޓަކައި ހިޖުރަ ކުރާ އެތައް ހާސް މީހުން އިޓަލީއަށް ވަންނަ ދޮރޯށީގެ ގޮތުގައި ބެލެވިފައި ވާ ޖަޒީރާއެކެވެ. ކަނޑުމަގުން ލެމްޕެޑޫސާއަށް ދާ މީހުންނަށް އިޓަލީއަށް ނުވަތަ ޔޫރަޕުގެ އެހެން ގައުމަކަށް ދިޔުމުގެ ގާނޫނީ މަގު ހުޅުވޭންދެން، މީހުން ބައިތިއްބައިފައި ތިބެނީ ޖަލުތަކެއްގެ ސިފައިގައި ހަދައިފައި ހުންނަ ކޭންޕުތަކެއްގަ އެވެ.

ލީކު ވި ވީޑިއޯއާ ގުޅިގެން، ޔޫރަޕުގެ އިއްތިހާދުން ވަނީ އިޓަލީ ކުށްވެރި ކޮށްފަ އެވެ. މުހައްލިލުން ވިދާޅުވެފައި ވަނީ ހިޖުރަ ކުރާ މީހުންނާ މެދު އިޓަލީގެ އޮފިޝަލުން އަމަލު ކޮށްފައި ވާ ގޮތް ބަލައި، ޔޫރަޕުގެ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ޚިލާފަށް ކުރެވިފައި ހުރި ކަންކަން ތަހުގީގު ކުރުމަށް ޓަކައި ޔޫރަޕިއަން ކޮމިޝަނުން ޚާއްސަ ތަހުގީގެއް ކުރުމަކީ ވެސް މި ދަނޑިވަޅުގައި ވުން ގާތް ކަމެއް ކަމަށެވެ.

ވީޑިއޯ ލީކު ވުމާ ގުޅިގެން އިޓަލީގެ އިސް ފަރާތްތަކުން ވެސް ވަނީ އެ ވީޑިއޯގައި ފެންނަ މަންޒަރުތައް ކުށްވެރި ކުރައްވައިފަ އެވެ. އިޓަލީގެ މީޑިއާ އިދާރާއަކުން ވީޑިއޯ ލީކު ކޮށްލި ފަހުން، ލެމްޕެޑޫސާގެ މޭޔަރު ގިއުސީ ނިކޮލީނީ ވިދާޅުވެފައި ވަނީ "ބަރަހަނާ ކުރެވިފައި ތިބި މީހުންތައް ފެނުމުން، ހިތަށް ސިފަ ވަނީ ނާޒީންގެ ކޮންސެންޓްރޭޝަން ކޭމްޕެއްގައި ހިނގި އަމަލުތަކެއް" ކަމަށެވެ.

މިކަމާ ގުޅިގެން އިޓަލީގެ ބޮޑުވަޒީރު އެންރީކޯ ލެއްޓާ ވިދާޅު ވީ "އަޅުގަނޑު މިހިރީ ޝޮކެއްގައި" ކަމަށެވެ. "ސަރުކާރުން މިކަމާ ގުޅިގެން ވަރަށް ޝާމިލު އަދި ވަރުގަދަ ތަހުގީގެއް ކުރާނެ. އަދި މިކަމުގައި ޒިންމާ ވާން ޖެހޭ ފަރާތްތައް ޒިންމާ ކުރުވާނަން" އޭނާ ވިދާޅުވިއެވެ.

އިޓަލީގެ ގާނޫނު ހަދާ މަޖިލިހުގެ މެންބަރެއް ކަމަށް ވާ ލައުރާ ބޮލްޑްރީނީ ވިދާޅުވީ "ހިޖުރަ ކުރާ މީހުންނާ މެދު އެ އަމަލު ކުރެވޭ ގޮތަކީ ތަހުޒީބު ވެފައި ވާ ގައުމަކާ ކުފޫ ހަމަ ނުވާ ކަހަލަ ކަންކަން" ކަމަށެވެ. ލީކު ވި ވީޑިއޯއިން ފެންނަ ބައެއް މީހުންނަކީ ޔޫރަޕުގެ ފަހުގެ ތާރީޚު ދުށް އެންމެ ހިތާމަވެރި ކަނޑުގެ އެކްސިޑެންޓުން ސަލާމަތް ވި މީހުން ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. ބޮލްޑްރީނީ އެ އިޝާރާތް ކުރައްވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި، އުތުރު އެފްރިކާއިން ލެމްޕެޑޫސާއަށް ދާން ދަތުރު ކުރި އެތައް ބަޔަކާ އެކު ބޯޓެއް ޣަރަގު ވި ހާދިސާއަށެވެ. 366 މީހުންނާ އެކު ދަތުރު ކުރި ބޯޓު ލެމްޕެޑޫސާގެ އައްސޭރިއަށް ޣަރަގު ވުމުގެ ހާދިސާގައި އެތައް ބަޔަކު މަރު ވި އިރު، ސަލާމަތް ވި ބައެއް މީހުން އަދިވެސް ތިބީ ލެމްޕެޑޫސާގެ ޖަލުކޭންޕުތަކުގަ އެވެ.

އުތުރު އެފްރިކާގެ ޢަރަބި ގައުމުތަކާއި ސީރިއާގައި، ހުޅަނގުގެ ތާއީދު އޮންނަ ލާދީނީ ޚުދުމުޚުތާރު ލީޑަރުން މުސްލިމް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން އެ ގައުމުތަކުގައި ދާޚިލީ ހަމަނުޖެހުންތައް އުފެދިފައި ވާ އިރު، އެ ގައުމުތަކުން އެތައް ހާސް ބަޔަކު ގެންދަނީ ޔޫރަޕަށް ހިޖުރަ ކުރަމުންނެވެ. މިފަދަ ވަރަށް ގިނަ ބަޔަކު ޔޫރަޕަށް ވަންނަ ދޮރޯށްޓަކީ ލެމްޕެޑޫސާއެވެ.