އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވާ ތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނީ ވޯޓްލާން ރަޖިސްޓްރީވެފައިވާ ތަން ބަދަލުކުރުމަށް އެދި ހުށަހަޅާ ފޯމް މިއަދުން ފެށިގެން މިމަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ކަމަށް ވެސް އީސީން ބުންޏެވެ. އަދި ހުކުރު ދުވަސްތަކުގައި ވެސް މެންދުރުފަހު 2:30 އިން ހަވީރު 5.00 އަށް ފޯމް ބަލައިގަންނާނެ ކަމަށް ވެސް އީސީން އިއްޔެ ކުރި އިއުލާންގައި ބުންޏެވެ.

އެހެންތަނެއްގައި ރަޖިސްޓްރީ ވުމަށް ހުށައަޅަން ޖެހޭ ފޯން އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިންނާއި ހުރިހާ ރަށެއްގެ ރަށު ކައުންސިލްތަކުގެ އިދާރާތަކުންނާއި އައްޑޫސިޓީ ކައުންސިލްގެ ޑިޕާޓްމެންޓްތަކުން ލިބެން ހުންނާނެއެވެ.

ރަޖިސްޓްރީވުމަށް އެދި ކޮންމެ މީހަކަށް ގިނަވެގެން ހުށައެޅޭނީ 10 ފޯމް ކަމަށް ވެސް އީސީން ބުންޏެވެ.