މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ 98 ސިފައިންނަށް ޝަރަފްގެ ނިޝާން ދެއްވައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވުނު މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޝަރަފްގެ ނިޝާން ލިބުނު ސިފައިންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަޙުމަދު ޝިޔާމެވެ.

މިރަސްމިއްޔާތުގައި ޝަރަފްގެ ނިޝާން ލިބިލެއްވި ފަރާތްތަކާ މުހާތަބުކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

އެމްއެންޑީއެފް އިން ބުނީ ޝަރަފްގެ ނިޝާން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފްގެ ނިޝާން ލިބިލެއްވި ސިފައިންގެ ތެރެއިން އިހުލާސްތެރި ހިދުމަތުގެ މެޑެލް އެއް ފަރާތަކަށް، ސިފައިންގެ ޚިދުމަތުގެ މެޑެލް ދެ ފަރާތަކަށް އަޚްލާގީ މެޑެލް ދެ ފަރާތަކަށް އަދި ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑެލި ދެ ފަރާތަކަށް ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން، ރައީސުލްޖުމްރިއްޔާގެ ކުލަ ދެ ފަރާތްތަކަށް، ކާމިޔާބުގެ ކުލަ ތިން ފަރާތަކަށް، ހުނަރުވެރިކަމުގެ ކުލަ 13 ފަރާތަކަށް، ސިފައިންގެ ޚިދުމަތުގެ ކުލަ 15 ފަރާތަކަށް އަހުލާގީ ކުލަ 39 ފަރާތަކަށް އިހުލާސްތެރި ހިދުމަތުގެ ކުލަ 25 ފަރާތަކަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ 12 ފަރާތަކަށް ހާއްސަ ހިދުމަތުގެ ކުލަ ފުރަތަމަ ފަހަރަށް 11 ފަރާތަކަށް ދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ ސިފައިންނަށް ދޭ ކުލައަކީ ހިދުމަތް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ދޭ ޝަރަފްގެ ނިޝާނެއް ކަމަށެވެ. އަދި އެ ނިޝާން ރަމްޒުކޮށްދެނީ އެ މީހެއްގެ އަގުހުރި ހިދުމަތާއި ހިދުމަތުގައި ހޯދާ ކާމިޔާބީއާއި ދައްކުވައިދޭ ހުނަރާއި ތަމްސީލްކުރާ ރިވެތި އަހުލާގު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.