09 Dec 2010, 20:55
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީން ކާމިޔާބުކޮށް، ރާއްޖެ އަލުން އަނބުރާ ދިވެހި ރައްޔިތުންނަށް ރައްދުކުރުމަށް ފެއްޓެވި ދަތުރު ކާމިޔާބުގެ އައްސޭރިއަކަށް ދާތަން ފެބްރުއަރީ ފަސް ވަނަ ދުވަހު ދިވެހި ރާއްޖެ އަށް ދައްކުވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ލ. ގަމު ގަތަރު އަމީރު ސްކޫލްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ ބާރުވެރި ފަރާތަކީ އެމްޑީޕީ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ސަރުކާރާ ނުލައި އަތޮޅުތައް ތަރައްގީކުރަން ފަސޭހަ ނުވާނެ ކަމަށާއި އެނޫން އެހެން ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކައުންސިލްތައް މެދުވެރިކޮށް މެނުވީ ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމަށް ސަރުކާރަށް ވަރަށް އުނދަގޫ ވާނެ. ޑިމޮކްރަސީއެއްގެ އުސޫލުން ރަށްތައް ތަރައްގީ ކުރުމަށް އަޅުގަނޑުމެން މިތިބެނީ ނިޔަތް ގަނެގެން. ސަރުކާރުގެ ބާރުވެރި ފަރާތަކީ އެމްޑީޕީ ކަމަށް ރައްޔިތުން ވަނީ ހަދައިފައި. އެހެންކަމުން ސަރުކާރާ ގުޅިގެން މެނުވީ، އެ ރަށްތައް ތަރައްގީވުމަކީ ފަސޭހަކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުގެ ހަމަ ބުއްދިއެއް އެގޮތަކަށް ގަބޫލެއް ނުކުރޭ."
ރައީސް ނަޝީދު ވިދާޅުވީ ރަށު ތަރައްގީގެ ކޮމިޓީތަކާއި އަތޮޅު ތަރައްގީގެ ކޮމިޓީތަކުގެ ވާހަކަ މީގެ ކުރިން ދެއްކިޔަސް އެ ކޮމިޓީތަކަކީ ރައްޔިތުން ބޭނުންވާ ބަޔަކުތިބޭ ކޮމިޓީތަކެއް ނޫން ކަމަށެވެ. އަދި އެ ކޮމިޓީތަކަކީ މާލޭގައި ތިބި ބަޔަކު ބޭނުން ގޮތަކަށް ކަންކުރުމަށް ރުކުރުވާލެވިފައިވާ، ރައްޔިތުންގެ ތާއީދުނެތް ގާނޫނީ އެއްވެސް ހައިސިއްޔަތެއްއޮތް ކޮމިޓީތަކެއްނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ އިންތިހާބުގެ ވާހަކައަކީ އެމްޑީޕީގެ ވާހަކައެއް ކަމަށާއި އެ ވާހަކައަކީ އެހެންބަޔަކު ދަށްކަނިކޮށް އަޑުއަހާފައިވާނެ ވާހަކައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިހާރު މިއުފެދޭ ކައުންސިލްތަކަކީ ގާނޫނީ ބާރު ލިބިފައިވާ ރައްޔިތުންގެ އަޣުލަބިއްޔަތުގެ ތާއީދު ލިބިގެންވާ ކައުންސިލްތަކެއް ކަމަށާއި އެ ކައުންސިލްތަކަށް އިންތިހާބު ކުރެވެން ޖެހޭނީ އެމްޑީޕީގެ ފަލްސަފާ ގަބޫލު ކުރާ ބަޔަކު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އެދޭ ތަރައްގީ ހޯދުމަށްޓަކައި ސަރުކާރާއެކީ ގުޅިގެން މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެންގެ ފަލްސަފާ ގަބޫލުކުރާ އަދި އަޅުގަނޑުމެން ކޮށަމުން މިގެންދާ ތަރައްގީގެ މަގު ގަބޫލުކުރާ ބަޔަކު އަޅުގަނޑުމެންނަށް ލިބުމަކީ ވަރަށް މުހިއްމުކަމެއް،"
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ވައުދު ފުއްދަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން މިހާތަނަށް ރައްޔިތުންނަށްވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ކަމެއް ކޮށްދެއްވުމަށް އެމަނިކުފާނު ވައުދުވެވަޑައިގަންނަވަނީ، އެކަމަށްޓަކައި ޖަހަން ޖެހޭ ހިސާބުތައް ޖެއްސެވުމަށް ފަހުގައި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވޭތުވެދިތަ ތިރީސް އަހަރު ދުވަހުގެ ތެރޭގައި ކުރީގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވާފައި ވަނީ ވަރަށް މަދު ކަންތައްތަކެއްކަން ފާހަގަ ކުރައްވައި ރައީސް ނަޝީދުގެ ވެރިކަމުގައި މި ފާއިތުވި ދެ އަހަރާއި ވޭތުވެދިޔަ ތިރީސް އަހަރު ކުރެވިފައިވާ ކަންތައްތައް އަޅާކިޔާލުމަށް ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ރައީސް ނަޝީދުގެ ވާހަކަ ފުޅުގައި، ލ. އަތޮޅުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވާ ޑީއާރުޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ސަރުކާރާ މަޝްވަރާ ކުރައްވަމުން ނުގެންދަވާކަން ފާހަގަ ކުރެއްވި އެވެ.
"ކޮންމެ ޕާޓީއެއްގެ ބަޔަކަށް ވިޔަސް، އެއީ ތިޔަބޭފުޅުންގެ ވަކީލުން. މިއަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ ފަރާތުން ހެޔޮ ގޮތުގައި ސަރުކާރާ މަޝްވަރާ ނުކުރާތީ ވަކާލާތު ނުކުރާތީ ސަރުކާރު ދެރަވޭ ތިޔަ ބޭފުޅުންގެ ވަކީލުންނާ ސަރުކާރާ މުއާމަލާތެއް ނުރެވޭ. އެކަމާ އަޅުގަނޑުވެސް ވަރަށް ދެރަވޭ،"
މި ރޭގެ ޖަލްސާގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ލ. އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލާ ބޭފުޅުން ތައާރަފް ކުރުމާއި އެބޭފުޅުން ރައްޔިތުންނަށް ތައާރަފް ވުމުގެ ގޮތުން އެބޭފުޅުންނާ އެކު އެހެން ރަށްރަށުގައި ތިއްބެވި ކެންޑިޑޭޓުން ވެސް ވަނީ އެބޭފުޅަކު ހުންނެވި ހިސާބަކުން އެއްވަގުތެއްގައި އަތު ގުޅާލުމުގައި ބައިވެރި ވުމުގެ ގޮތުން އަތުގުޅާލައިފަ އެވެ.