18 Dec 2013, 20:58
ރިޔާސީ އައު ދައުރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ސެކިއުރިޓީ ގާޑުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފަށާ ގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ސެކިއުރިޓީ ގާޑުން ތަމްރީނުކުރުމުގެ ފުރަތަމަ ބުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ ކުރީ ކޮޅު ކަމަށެވެ. އަދި ކޮންމެ ބުރެއްގައި 100 މީހުން ތަމްރީނު ކުރުމަށް ހަމަޖައްސާފައިވާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ދެ ހަފުތާގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ބޭސިކް ސެކިއުރިޓީ ޓްރޭނިންގެ ޕްރޮގްރާމް" ގައި ހިމެނޭ ބައިތަކުގެ ތެރޭގައި ފަޔަ ސޭފްޓީ އެންޑް އެމަޖެންސީ މެނޭޖްމަންޓް، ކޯޕަރޭޓިވް އެންވަޔަރަންމަންޓް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސެކްޓަ، ޑިފެންސް އެންޑް ރެސްޓްރެއިންޓްސް ޓެކްޓިކްސް، ފަސްޓް އެއިޑް، ފިޒިކަލް ފިޓްނަސް އެންޑް ވޯޓަމަންޝިޕް، ފިޒިކަލް ސެކިއުރިޓީ އަދި ސެކިއުރިޓީ އިކުއިޕްމަންޓްސްއާ ގުޅޭ މަޢުލޫމާތު "ބޭސިކް ސެކިއުރިޓީ ޓްރޭނިންގެ ޕްރޮގްރާމް" ގައި ބައިވެރިވާ ފަރާތްތަކަށް ދެވޭނެ ކަމަށެވެ.
ރިޔާސީ އައު ދައުރުގެ ފުރަތަމަ ސަތޭކަ ދުވަހު އެމްއެންޑީއެފް އިން ހާސިލް ކުރާނެ ސްޓެރެޓެޖިކް ލަނޑުދަނޑިތައް ހާމަކުރުމަށްޓަކައި މިދިޔަ މަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު އެއް ދާއިރާ ކަމުގައިވާ ޓޫރިޒަމްގެ ތެރެއިން، ރިސޯޓްތަކުގެ ސެކިއުރިޓީ ގާޑުންގެ ގޮތުގައި ބޭރުގެ ފަރާތްތައް ތިބުމަކީ ގައުމީ ސަލާމަތާ ދޭތެރޭ ވިސްނާލާއިރު، ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވާ މައްސަލައެއް ކަމަށެވެ. މިކަމާގުޅިގެން 26 ނޮވެމްބަރުން ފެށިގެން ސެކިއުރިޓީ ގާޑުންގެ ކޯޓާގައި ބޭރު މީހުން އެތެރެ ނުކުރެވޭގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.