18 Dec 2013, 20:42
ހިއުމަން ޓްރެފިކިން ހުއްޓުވުމާ ބެހޭ ގާނޫނު ތަންފީޒު ކުރުމަށްޓަކައި އެކަމަށް ބޭނުންވާ އެންމެހާ ކަންކަން ފަހި ކުރުމަށް ދައުލަތުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލް އަގްވާމީ ބިދޭސީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބިދޭސީންނާ މެދު އިހުމާލުވާ އަދި އަނިޔާވެރިވާ ފަރާތްތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު ލަސް ކުރުމެއް ނެތި އަޅަންޖެހޭ ކަމަށެވެ. އެގޮތުން މި މަހުގެ ތެރޭގައި ތަސްދީގު ކުރެވުނު ހިއުމަން ޓްރެފިކިން ހުއްޓުވުމާއި ބެހޭ ގާނޫނު ތަންފީޒު ކުރުމަށްޓަކައި ސަރުކާރުން ސަމާލުކަން ދޭންޖެހޭ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
"ޓްރެފިކިން ހުއްޓުވުމާއި ބެހޭ ގާނޫނު ތަންފީޒު ކުރުމަށްޓަކައި ދައުލަތުން ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. ހެދިފައިވާ އެހެނިހެން ގާނޫނުތަކާ ގަވާއިދު ތަކުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށްދީ، ހައްގުތައް ގެއްލިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރަންޖެހެވއެވެ،" އެބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ބިދޭސީ މަސައްކަތެރިންނާއި އެމީހުގެން އާއިލާތަކުގެ ހައްގުތައް ރައްކާތެރި ކުރުމަށް އދ. އިން 1990 ވަނަ އަހަރު ހަދާފައިވާ ބައިނަލްއަގްވާމީ މުއާހަދާ ގައި ވެސް ވީހާވެސް އަވަހަކަށް ރާއްޖެއިން ބައިވެރިވެ ތަންފީޒު ކުރުމަށް ދައުލަތަށް އެޗްއާރުސީއެމް އިން ވަނީ އެބަޔާނުގައި އިލްތިމާސް ކުރައްވާފަ އެވެ.
އެޗްއާރުސީއެމުން ބުނީ މިއަހަރުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާ ގުޅުން ހުރި މައްސަލަތަކާއި އެ މީހުން ގެންގުޅޭ މީހުންނާ މުޖުތަމައިން ހިންގަމުންދާ ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތައް ހުށަހަޅާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މުސާރަ ނުދިނުމާއި ދަތުރު ފަތުރު ކުރުމާ ގުޅޭ ލިޔުންތަކާއި ވޯކް ވިސާ ހިފެހެއްޓުމާއި ޗުއްޓީ ނުދިނުމުގެ މައްސަލަތައް ހިމެނޭ ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ.