18 Dec 2013, 20:33
މި އަންނަ އަހަރު ނިމޭއިރު ކޮންމެ ދިވެއްސެއްގެ ބޮލަކަށް ޖެހޭ ދަރަނީގެ މިންވަރު 92،196 ރުފިޔާއަށް އިތުރުވާނެ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ނެރެފައިވާ 2014 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭ ރައުޔު ގައި ބުނެފައިވަނީ މިއަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި 27.7 ޕަސެންޓްގައި ހުރިއިރު ކޮންމެ މީހެއްގެ ބޮލަކަށް 82،409 ރުފިޔާ ޖެހިފައިވާއިރު އަންނަ އަހަރު ސަރުކާރުގެ ދަރަނި 31.5 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އެހެން ކަމުން ކޮންމެ ދިވެއްސެއްގެ ބޮލަކަށް ދަރަނީގެ ގޮތުގައި 92،196ރ. ޖެހެ އެވެ.
އެމްއެމްއޭގެ ބެލެންސް އޮފް ޕޭމަންޓްއަށް ބަލާއިރު މިއަހަރު ކަރަންޓް އެކައުންޓް އެކައުންޓް ޑެފެސިޓް ވާނެ ކަމަށް ބެލެވެނީ 469.9 މިލިއަން ޑޮލަރުންނެވެ. އަދި މިއަންނަ އަހަރު އެ އަދަދު 562.5 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ފަތުރުވެރިކަމުން ލިބޭނެ އާންމުދަނީ ބޮޑުވިނަމަވެސް އަންނަ އަހަރު އިމްޕޯޓް އިތުރުވާނެ ކަމަށް ބެލެވޭތީ ކަމަށް އެމްއެމްއޭގެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ހަރަދަކީ 17.5 ބިލިއަން ރުފިޔާ ކަމަށްވާއިރު އޭގެ ތެރެއިން 12.5 ބިލިއަން ރުފިޔާ އަކީ ރިކަރަންޓް ހަރަދުކަން ފާހަގަކޮށް އެރިޕޯޓްގައި ބުނެފައި ވަނީ ލިބޭ އާމްދަނީ އާއި ފުއްދޭ ހަރަދެއް ކުރުމަށްޓަކައި ބަޖެޓުގައި ރިކަރަންޓް ހަރަދު 10.2 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ވެގެން ނުވާނެ ކަމަށެވެ.
އެރިޕޯޓްގައި ލަފާ އަރުވާފައިވާ ކަންކަމުގެ ތެރޭގައި ކަންކަމުގެ ތެރޭގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއަކީ މަޖިލީހުގެ ބިލްތަކެއް ފާސްވެގެން ލިބޭނެ އާމްދަނީއަކަށް ވުމުން އެބިލްތައް ފާސްކުރަން ބާރު އަޅާފައިވެ އެވެ. އަދި ސަބްސިޑީދޭއިރު ހައްގުވާ މީހުންނަށް އެކަނި ދިނުމާއި ލިބޭ މިންވަރު ދައުލަތުގެ ބަޖެޓް އެކުލަވާލުމަށް ލަފާ އަރުވާފައިވެ އެވެ. އަދި ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާނުވެ މެދު ރާސްތާގައި އެހެނިހެން ދާއިރާތަކުން ވެސް ސަރުކާރުގެ އާމްދަނީ ލިބޭނެ ގޮތް ރޭވުމަށް އެމްއެމްއޭ އިން އަންގާފައިވެ އެވެ.