18 Dec 2013, 20:05
މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޕޮލިސް އިންޓަލިޖެންސް ގުޅިގެން މި މަހުގެ ފަސް ވަނަ ދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކުގައި ހިމެނޭ ގ. މެޑޯ އިސްމާއީލް ޒިހާން،21، އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
މިއަދު ހަވީރު 4:00 ހާއިރު ޒިހާން އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވެފައި ވަނީ އޭނާ ހޯދުމަށް ފުލުހުން އިއުލާންކޮށްފައި ވަނިކޮށެވެ.
އޭނާގެ އިތުރުން މއ. އަނޫމާ ފައިސަލް އިބްރާހިމް،23، ހޯދުމަށް ވެސް ފުލުހުން ވަނީ އިއުލާން ކޮށްފަ އެވެ.
ފައިސަލާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ނުވަތަ އެމަޖެންސީ ނަމްބަރު 119 އަށް ނުވަތަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ނަމްބަރު 9792498 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއް އަތުލައި ގަތުމަށް ހިންގި މި އޮޕަރޭޝަންގައި ކޯޓް އަމުރެއްގެ ދަށުން ހ.ފަހާގެއާގޭގެ އިތުރުންވެސް މި ނެޓްވޯކާއި ގުޅުންހުރި އެހެނިހެން ބައެއް ތަންތަން ފުލުހުންވަނީ ބަލައިފާސްކޮށްފައެވެ.
މި އޮޕަރޭޝަންގައި ހ. ފަހާގެއާގެއަށް ވަދެ އެ ގެ ބަލައިފާސްކުރިއިރު އެގެއިން ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ފެނިފައިވާއިރު މިކަމާއި ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ ބަޔަކުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުޅާދާއިރާއެއްގައި ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ މި ނެޓްވޯކާއި ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާނުގެ ރައްޔިތަކާއި ސްރީލަންކާގެ ރައްޔިތެއްގެ އިތުރުން ދެ ދިވެހިން ކަމަށެވެ.