ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާނެ ވަސީލަތްތައް ހޯދުމަށް ޖަޕާން ސަރުކާރުން ރާއްޖެ އަށް 200 މިލިޔަން ޔެން (36 މިލިޔަން ރުފިޔާ)ގެ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި "އެކްސްޗޭންޖް އޮފް ނޯޓްސް"ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން އެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެމްބެސެޑަރު ނަބުހިޓޯ ހޯބޯ އެވެ.

ޖަޕާނު އެމްބަސީން ބުނީ އެ އެއްބަސްވުމުގެ ދަށުން ދިނުމަށް ހަމަޖެހިފައި ވަނީ ޖަޕާނުގެ އެމްއެމްއީ އުފެއްދުންތައް ކަމަށެވެ. އަދި އެ ތަކެތި ދޫކުރުމަށް ހަމަޖެހިފައި ވަނީ އެފަދަ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންވާ ސަރަހައްދުތަކަށް އިސްކަންދީގެން ކަމަށް އެ އެމްބަސީން ބުންޏެވެ.

ޖަޕާން އެމްބަސީން ބުނީ އެ ތަކެތި ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކަށް ފޯރުކޮށްދިނުމުން އެ ސަރަހައްދުތަކުގެ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި އެ ތަކެތި ހަދިޔާކުރުމުގެ ބޭނުމަކީ ރާއްޖޭގެ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ކަންތައްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ޖަޕާނުން ބުނީ އެތަކެއްޗަކީ ބޭނުންކުރަން ފަސޭހަ އުފެއްދުންތަކެއް ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި އެހީ ދޭނެ ތަންތަން ކަނޑައަޅާނީ ހެލްތު މިނިސްޓްރީންނެވެ.

ޖަޕާނު ސަރުކާރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެ ގައުމަށް ދަތުރުފުޅެއްކުރެއްވުމަށް ވެސް ދައުވަތު ދެއްވައިފަ އެވެ. އަދި އެ ދައުވަތު ގަބޫލުފުޅުކުރައްވައި ރައީސް ޔާމީން ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެ ދަތުރުފުޅުކުރެއްވުމަށް ވެސް ނިންމަވައިފަ އެވެ.

ޖަޕާނަކީ ރާއްޖެއަށް ވަރަށް ގިނަ ގޮތްގޮތުން ދީލަތި އެހީތަކެއް އަބަދުވެސް ފޯރުކޮށްދޭ ގައުމެކެވެ.