ލޮރެންޒޯ ޕާކުގައި މިދިޔަ އަހަރު މަރާލި ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، މަރާލި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުން ކުށަށް އިއުތިރާފުވި ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު މީހަކު ހެކިބަސް ދީފި އެވެ.

ކާކުކަން ނޭނގޭ ގޮތަށް އަޑުބަދަލުކޮށްގެން ހެކި ބަސްދިން މީހާ ބުނީ އަރުހަމް މަރާލި ކަމަށް ތުހަމަތު ކުރެވޭ ހަތަރު މީހުން ކަމަށްވާ ލ. މާވަށް، އަސަރީގޭ، މަންސޫރު ޔޫސުފާއި ހަމަ އެރަށު އެވާބުލޫ، މުހައްމަދު ވިސާމާއި މއ. ސީނަރީވިޔު، އާތިފް ރަޝީދު އަދި ގދ. ގައްދޫ، ގުންޒަރު، މުހައްމަދު ސުފުޔާން ވެސް ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ.

ހެކި ބަސްދެމުން އެ މީހާ ބުނީ އަރުހަމް މަރާތިލާ ހަފްތާއެއް ފަހުން އެ ހަތަރު މީހުންނާ އޭނައާ ބައްދަލުވި ކަމަށާއި "[އަރުހަމް] އޮންނާނީ މަރާލާފައޭ" އެ ދުވަހު އެ ހަތަރު މީހުން ވެސް ބުނި ކަމަށެވެ. އެގޮތަށް ބުނުމަށްފަހު އޭނާއަށް ވެސް މަރުގެ އިންޒާރު ދިން ކަމަށް ހެކި ބަސް ދިން މީހާ ބުންޏެވެ.

"އެ ހަތަރު މީހުން ބުނީ މަރާލާފައޭ އޮންނާނީ. ދެން މަރާލާނީ އަޅުގަނޑޭ،" ހެކި ބަސްދިން މީހާ ބުންޏެވެ.

އޭނާ ބުނީ އެ ހަތަރު މީހުންނާ ދިމާވި ދުވަހު އަރުހަމް މަރާލުމަށް ހަމަލާދިން ގޮތް ވެސް ކިޔައިދިން ކަމަށެވެ. އެގޮތުން އަރުހަމްގެ ކަރަށް ވަޅި ހެރީ ސުފުޔާން ކަމަށާއި މެޔަށް ވަޅިހެރީ ވިސާމް ކަމަށް އެ މީހުން ބުނި ކަމަށް ހެކި ބަސް ދިން މީހާ ބުންޏެވެ.

އޭނާ ބުނީ ސުފުޔާނާއި ވިސާމް ދިން ހަމަލާގެ ސަބަބުން އަރުހަމް ބިން މައްޗަށް ވެއްޓިފައި އޮއްވާ އޭނާގެ ގައިމައްޗަށް ޖޯލިފަތި ވައްޓާލީ އެމީހުންގެ ތެރެއިން މަންސޫރު ކަމަށް ވެސް އޭނާ ގާތު އެ މީހުން ބުނި ކަމަށެވެ.

"ސުފުޔާން އަރުހަމްގެ ކަރަށް ވަޅި ހެރި ކަމަށް. ކަންބަ [ވިސާމް] މެޔަށް ވަޅި ހެރި ކަމަށް. މަންޗި [މަންސޫރު] އަރުހަމް ގައިގައި ގޮނޑިން ޖެހި ކަމަށް. އަދި އަރުހަމްގެ ގައި މައްޗަށް ޖޯލިފަތި ވައްޓާލި ކަމަށް. އާތީ [އާތިފް] ޖެހީ ކަމެއް ބަލަން ހުރީ ކަމެއް ނޭނގޭ،" ހެކި ބަސް ދިން މީހާ ބުންޏެވެ.

އަރުހަމަށް ހަމަލާދިން މަންޒަރު ދުށް ކަމަށް ބުނެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ހެކި ބަސްދިން މީހުން ހާދިސާ ހިނގިގޮތް ސިފަކޮށްދިން ގޮތާއި މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދިން މީހާ ކިޔައިދިން ވާހަކަތަކާ ދިމާވެ އެވެ.

އެ މީހާ ބުނީ ވަނަމަކަށް "ޓީސީމޯޑު" އަދި "ހާމަ" ނަމަކަށް ކިޔާ މީހަކު ފޮނުވައިގެން މިދިޔަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން ސުފުޔާނާއި ވިސާމަށް ހަމަލާދީފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމާ ގުޅިގެން ސުފުޔާނަށް ފޯނުކޮށް އެކަމާ ގުޅިގެން "އެކްޝަނެއް ނުގެގުމަށް" ބުނެފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އެ ވަގުތު އޭނާ ފޯނުން ވާހަކަ ދެއްކީ ރުޅުވެރިކަމާ އެކު ކަމަށް ވެސް ހެކި ބަސްދެމުން އެ މީހާ ބުންޏެވެ.

ސުފުޔާނަށް ފޯނުކުރި ފަހުން އޭނާ ލޮރެންޒޯ ޕާކަށް ދިޔަ ކަމަށާއި އެ ވަގުތު އެތަނުގައި އަރުހަމް ހުރި ކަމަށް ވެސް ހެކި ބަސްދެމުން އެ މީހާ ބުންޏެވެ. އަދި ބުނީ އަރުހަމާ އެކު އެތަނުގައި ވަގުތު ހޭދަކުރުމަށްފަހު ކޮފީއަކަށްދާން އެދުމުން އަރުހަމް ދާން ބޭނުން ނުވި ކަމަށެވެ.

"އަރުހަމް ބުނީ [ކޮފީއަށް] ނުދާނަމޭ. ފިލްމެއް ބަލަންށޭ އޮންނާނީ،" ހެކި ބަސްދިން އެ މީހާ ބުންޏެވެ.

އަރުހަމް މަރާލިކަން އޭނާ އަށް އެނގުނީ ޖެހިގެން އައި ދުވަހުގެ ހެނދުނު 6:30 ގައި ކަމަށާއި އެކަމާ ގުޅިގެން ސުފުޔާނަށް ފޯނު ކުރުމުން ވިސާމް ފޯނު ނަގައި ޖަވާބުދެމުން "ދެ މީހުން ރޭ ދަންވަންދެން ހޭލާ އުޅެފައި ސުފުޔާން އޮތީ ނިދާފައި" ކަމަށް ބުނި ކަމަށެވެ.

އޭނާ ބުނީ އަރުހަމް މަރާލި ކަމަށް އެއްބަސްވި ނަމަވެސް އޭގެ ކުރިން ވާހަކަ ދެއްކި އިރު އެކަމަށް އެ މީހުން އިންކާރު ކުރި ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިތުރު މީހެއްގެ ހެކިބަސް ވެސް ނެގި އެވެ. ހެކި ބަސް ދިން މީހާ ބުނީ މިދިޔަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ ލޮރެންޒޯ ޕާކްގައި އަރުހަމާއެކު ވަގުތު ހޭދަކުރުމަށްފަހު ގެއަށް ދިޔައީ މެންދަމު 3:30 ހާއިރު ކަމަށެވެ. އަރުހަމް މަރާލިކަން އެނގުނީ ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ވެސް ހެކި ބަސްދެމުން އެ މީހާ ބުންޏެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން ޝަރީއަތުގެ މަޖިލީހެއް އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.