ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން، ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ޖަޕާނު ސަރުކާރުން ދައުވަތު ދީފި އެވެ. މި ދައުވަތު ރައީސަށް އެރުއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނޮބުހިޓޯ ހޯބޯ ރައީސްގެ އަރިހަށް އިއްޔެ ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގަ އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޖަޕާނަށް އެ ދަތުރުފުޅު ކުރައްވާނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

ޖަޕާން ސަރުކާރުގެ ދަޢުވަތު ގަބޫލުފުޅު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިފަދަ ދަޢުވަތެއް ދެއްވިކަމަށްޓަކައި ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ގާތް ގުޅުން، މި ދަތުރުފުޅުގެ ސަބަބުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައިވެސް ވިދާޅުވި އެވެ. ޖަޕާނަށް ރައީސް ކުރައްވާ ދަތުރުފުޅުގައި، އެމަނިކުފާނު ޖަޕާނުގެ އެމްޕަރާ އަކިހީޓޯ އާއި ބޮޑުވަޒީރު ޝިންޒޯ އަބޭ އާއި ޖަޕާނު ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާނެ އެވެ.

ރައީސް އޮފީހުން ބުނީ މީގެ ކުރިން ޖަޕާން ސަރުކާރުގެ ރަސްމީ ދަޢުވަތަކަށް، ރާއްޖޭގެ ރައީސަކު އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެއް ނުވާ ކަމަށެވެ. އެހެން ނަމަވެސް، ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ތިން ފަހަރެއްގެ މަތިން ޖަޕާނަށް ޒިޔާރަތް ކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ ޖަޕާނުގެ އެމްޕަރާ ހީރޯހީޓޯ ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް 1989 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޖަޕާނަށް މައުމޫން ވަޑައިގެންނެވި ކަމަށާއި ޖަޕާނުގެ އެމްޕަރާ އަކިހީޓޯ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް 1990 ވަނަ އަހަރުގެ ނޮވެންބަރު މަހު ވެސް އެގަމަށް ވަދައިގެންނެވި ކަމަށެވެ. އަދި ޖަޕާނުގެ އޮސާކާގައި ބޭއްވި ފަތުރުވެރިކަމާބެހޭ އެންމެ އިސްވެރިންގެ މިލީނިއަމް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ބައިވެރިވެވަޑައިގަތުމަށް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 އޮކްޓޯބަރު އެކަކަށް އެގަމަށް ރައީސް މައުމޫން ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޔާމީން ޖަޕާނަށް ކުރައްވާ ދަތުރުފުޅު ވެގެންދާނީ، ޖަޕާން ސަރުކާރުގެ ރަސްމީ ދަޢުވަތަކަށް ރާއްޖޭގެ ރައީސަކު ޖަޕާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.