18 Dec 2013, 15:28
ފުލުހުންގެ މުއައްސަސާއިން ކަނޑައަޅާފައިވާ 100 ދުވަހުގެ މަގުޗާޓުގައި ކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އައްޑޫ ސިޓީގައި ސީސީޓީވީ ކެމެރާ ހަރުކޮށް ކެމެރާ ސަވައިލެންސް ސިސްޓަމް މިއަދު އިފްތިތާހުކޮށްފިއެވެ.
އައްޑޫ ސިޓީގައި ސީސީޓީވީ ކެމެރާ އިފްތިތާހް ކުރުމަށްޓަކައި މިއަދު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދުއާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގެވެ.
ކެމެރާ ސިސްޓަމް އިފްތިތާހް ކޮށްދެއްވުމަށްފަހު ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ އައްޑޫ ސިޓީގައި ފަސް ސަރަހައްދެއްގައި ކެމެރާ ހަރުކުރުމަށް ނިންމާފައިވާއިރު އެ ކެމެރާތައް މާ ލަސްތަކެއް ނުވެ ހަރުކުރެވިގެން ދާނެ ކަމަށެވެ. ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގް ވިދާޅުވީ އައްޑޫ ސިޓީގައި ކެމެރާ ހަރުކުރެވިގެންދާކަމީ އަމާން އޮމާން މުޖުތަމައުއެއް ގާއިމްކުރުމަށްޓަކައި އެޅޭ ވަރަށް ބޮޑު ފިވަޅެއް ކަމަށެވެ.
މަގުމަތީގެ ހަރަކާތްތައް މޮނީޓާކޮށް ކުށްކުރާ ފަރާތްތައް ފަސޭހައިން ހޯދުމަށް އެހީތެރިކަން ހޯދުމުގެ ގޮތުން ފުލުހުން މިއަދު ކެމެރާ ހަރުކޮށްފައިވަނީ ކުރީގެ ހިތަދޫ ޕޮލިސް ސްޓޭޝަން އަދި މިހާރު އައްޑޫ ސިޓީ ކަސްޓޯޑިއަލް ހުރި އިމާރާތް ކައިރީގަ އެވެ. ފުލުހުންގެ 100 ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ލިންކު ރޯޑުގެ ފަސް ސަރަހައްދެއްގައި ސީސީޓީވީ ހަރުކުރުމަށް ވަނީ ނިންމާފަ އެވެ.