ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ސްޕެއިންގެ ރެއާލް މެޑްރިޑާ ވާދަކުރަން ޖެހުމަކީ ކްލަބަށާއި އަދި ސަޕޯޓަރުންނަށް ވެސް ލިބިގެންދާނޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޖަރުމަނުގެ ޝާލްކޭ 04ގެ ކޯޗު ޔެންސް ކެލާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ގުރާ ބެހޭގޮތުން ވާހަކަ ދައްކަމުން ކެލާ ބުނީ، ދުނިޔޭގެ އެންމެ މަޝްހޫރު ކްލަބާ ވާދަކުރަން ޖެހުމަކީ އޭނާގެ ކުޅުންތެރިންނަށް ވެސް ތަފާތު އިހްސާސްތަކެއް ކުރަން ޖެހޭ ކަމެއް ކަމަށާއި އަދި ހާއްސަކޮށް އެ ކްލަބުގެ ލޮބުވެތި ސަޕޯޓަރުންނަށް ރަނގަޅު ފުޓްބޯޅަ މެޗެއް ބަލައިލުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"ރެއާލްއާ ވާދަކުރަން ޖެހުމަކީ ކްލަބުވެސް އަދި ސަޕޯޓަރުންނަށް ވެސް ލިބޭ ހިތްހަމަ ޖެހުމެއް،" ކެލާ ބުންޏެވެ. "މިއީ އަހަރެމެންގެ ކުޅުންތެރިންނަށް ކުރިމަތިލާން ޖެހޭ ވަރުގަދ އިމްތިހާނެއް. ދުނިޔޭގެ އެންމެ މަޝްހުރު ކްލަބާ ދެކޮޅަށް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ، އިކާ ކަސިއަސް، އަދި ގެރެތު ބޭލް ފަދަ ކުޅުންތެރިންނާ ވާދަކުރަން ލިބުމަކީ އަހެރެމެން އެދިއެދި ތިބި ކަމެއް."

ޝަލްކޭގެ ކެޕްޓަން ބެނެޑިކްޓް ހަވެޑްސް ބުނީ، އޭނާއަށް ގަބޫލުކުރާ ގޮތުގައި ރެއާލް މެޑްރިޑް މުބާރާތުން ކަޓުވާލެވޭ ފަދަ ގާބިލްކަން އޭނާގެ ކްލަބުގައި އެބަ ހުރި ކަމަށެވެ.

"ރެއާލްއާ ވާދަކުރަން ޖެހުމުން ވަރަށް ހިތްހަމަ ޖެހިއްޖެ. މައްސައަކީ ރެއާލްއާ ކުރިމަތިލާން ޖެހޭއިރު އަނިޔާގެ ސަބަބުން ސާމި ކެދެއިރާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހުން. ބާނަބިއުގައި ކުޅުމަކީ އަހަރެން މުޅިން އަލަށް ކުރާ ތަޖުރިބާއެއް،" ބެނެޑިކްޓް ބުންޏެވެ. "ރެއާލް މެޑްރިޑަކީ މުބާރާތުގެ ފޭވަރިޓުން ކަމުގައި ވީނަމަވެސް އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެންނާ ވެސް ފުރުސަތު އޮތް."

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި މި ދެޓީމު ވާދަކުރާ މެޗު އޮންނާނީ، ޝާލްކޭގެ ވެލްޓެނިސް އެރީނާގައި ފެބްރުއަރީ 26ގަ އެވެ. އަދި ދެވަނަ ލެގު ކުޅޭނީ ސަންތިއާގޯ ބާނަބިއުގައި މާޗު މަހުގެ 18 ވަނަ ދުވަހު އެވެ.